ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ކަތިލާ ކަމަށް ބުނެ ކުރާ މަދަނީ ދައުވާގެ މައްސަލަ އާއި ސަރުކާރާއި ގުޅުމެއް ނެތް ކަމަށް ބުނެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ޑައިރެކްޓް ކުރީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލްކަން ހާމަވެއްޖެ އެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް މަދަނީ ދައުވާ ކުރުމަށް ނިންމާ އެކަން ހާމަކުރީ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރު މެދުވެރިކޮށް އެ އާއިލާ އިން ދިން ބަޔާނެއްގައެވެ. ފަރސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން އާޒިމާ ވަނީ ބަޔާނެއް އިއްވާފައެެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލަ އާއި ގުޅިގެން މަދަނީ ދައުވާ ކުރުމަށް ނިންމާފައި ވަނީ މަންމަ އެއްގެ ހައިސިއްޔަތުން އަމިއްލަފުޅަށް ކަމަށާއި އެކަމާއި ސަރުކާރާއި ގުޅުމެއް ނެތް ކަމަށެވެ.
މި މައްސަލަ އަކީ ސާޖިދާގެ ދަރިންގެ އަބުރު ގެއްލޭ ގޮތަށް ސިޔާސީ ޕްލެޓްފޯމްތަކުގައި ވާހަކަދައްކަމުން ދާތީ މަންމަ އެއްގެ ހައިސިއްޔަތުން އެ ދަރިންގެ ހައްގު ހިމާޔަތްކުރުމަށް ހުށަހަޅާ މައްސަލަ އެއް ކަމަށް ސާޖިދާގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި މިފަދައިން ފާހަގަަކޮށްފައި ވީ ނަމަވެސް މި މައްސަލަ އާއި ގުޅުން ހުރި މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަންވީ ގޮތް ކިޔާދޭން ހުންނެވީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލެވެ.
ރާއްޖެއެމްވީ އަށް ލިބިފައިވާ ފޮޓޯ އާއި މަންޒަރުތަކުން ފެންނަ ގޮތުގައި އެ ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމްކުރުމުގައި ވެސް ހަލީލް ހަރަކާތްތެރިވަޑައިގެންނެވި އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔަ ވަރަކަށް ނޫސްވެރިންގެ ސުވާލުތަކަށް ފުރުސަތު ދޭންވީ ގޮތާއި، ނޫސްވެރިންގެ ބައްދަލުވުމުގެ ފްލޯ ގެންދަންވީ ގޮތުގެ އިރުޝާދުވެސް އޭނާ ދެމުން ދިޔަ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތުދިން ނޫސްވެރިން ވަނީ ބުނެފަ އެވެ.
އެހެންކަމުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ ކުރާ މަދަނީ ދައުވާ އަކީ ސަރުކާރުގެ ބައިވެރިވުމަކާއި ނުލާ ސާޖިދާ އަމިއްލަފުޅަށް ކުރާ ދައުވާ އެއް ކަމަށް ބުނާ ވާހަކައިގެ ހަގީގަތާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެނގިފައިވާ ގޮތުން މި ނޫސްވެރިންގެ ބައްދަލުވުން ކަވަރ ކުރުމަށާއި، ވަކި އެންގަލް އަކުން ނޫސްވެރިންގެ ބައްދަލުވުން ކަވަރ ކުރުމަށް ރައީސް އޮފީހާއި ސަރުކާރުގެ އިސް ބައެއް ވެރިންގެ ފަރާތުން ބައެއް ނޫސްވެރިންނަށް ވަނީ އިރުޝާދު ދީފަ އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ހުންނެވީ ރައީސްގެ އާއިލީ ނޫސްވެރިންގެ ބައްދަލުވުމަކަށް ވުމުން ކަމަށް ބުނެ ޕީއެންސީގެ އެކްޓިވިސްޓުން އެކަން ދިފާއުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ހަލީލް އެތަނުގައި ހުރުމަކީ ސާޖިދާގެ ބަޔާނާއި ޚިލާފަށް، ރައީސްގެ ދަރިންގެ އަބުރަށް އަރައިގަންނަ ކަމަށް ބުނެ ކުރާ ދައުވާގައި ސަރުކާރުގެ ބައިވެރިވުން އޮތްކަން ހާމަވާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.