ރަޝިއާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ މެދު ކަނޑާލަށް އެމެރިކާ އިން ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެއްވީ "ވަރަށް އުންމީދީ" ބަޔާނެއް ކަމަށާއި. ނަމަވެސް އެއީ "އެންމެ ފުރިހަމަ" ބަޔާނެއް ނޫން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެމެރިކާ އިން ހުށަހަޅާފައި ވަނީ 30 ދުވަހުގެ މުއްދަތަކަށް ރަޝިއާ-ޔުކްރެއިން ހަނގުރާމަ މެދު ކަނޑާލުމަށެވެ. އެކަމަށް ޔުކްރެއިން އިން ވަނީ އެންމެ ފުރަތަަމަ ވެސް އެއްބަސްވެފަ އެވެ. ރަޝިއާ އިން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި ތިއްބައި، ބުރާސްފަތި ދުވަހު ޕުޓިން ވަނީ އެ ހުށަހެޅުން ރަޝިއާ އިން ވެސް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މި މައްސަލައިގެ އަސްލު ސަބަބުތަކަށް ހައްލެއް ގެންނަން ޖެހޭނެ ކަމަށާއި، އަދި އިތުރު ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެ އެވެ.
ވައިޓް ހައުސް ގައި ނޭޓޯގެ އިސްވެރިޔާ މާކް ރުޓެއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ޕުޓިންގެ ބަޔާނާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން ދެއްވީ ވަރަށް އުންމީދީ ބަޔާނެއް ކަމަށާއި، ނަމަވެސް އެއީ އެންމެ ފުރިހަމަ ބަޔާނެއް ނޫން ކަމަށެވެ.
މީގެ އިތުރުން ޕުޓިންއާ ބައްދަލު ކުރައްވަން ނުވަތަ ވާހަކަފުޅު ދައްކަވަން ބޭނުން ފުޅުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ވީ އެންމެ އަވަހަކަށް ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށެެވެ.
"އޭނާ (ޕުޓިން) ދެއްވީ ވަރަށް އުންމީީދީ ބަޔާނެއް، އެކަަމަކު އެއީ އެންމެ ފުރިހަމަ ބަޔާނެއް ނޫން." ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ރަޝިއާގެ މޮސްކޯ އަށް ވަޑައިގެންފައިވާ އިރު، ޓްރަމްޕް ވިދާޅުވީ ރަޝިއާ އިން ސުލްހައިގެ ޕްލޭން ބަލައި ނުގެންފި ނަމަ އެއީ، "ދުނިޔެ އަށް ވަރަށް ބޮޑު ހިތާމަ އަކަށް" ވާނެ ކަމަށެވެ.
ދިގު މުއްދަތުގެ ސުލްހައެއް ގާއިމު ކުރުމަށް ކުރެވޭ މަޝްވަރާތަކު ގައި، ޔުކްރެއިން އިން ރަޝިއާ އަށް ދޫކޮށްލަން ޖެހޭ ސަރަހައްދުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވެމުންދާ ކަމަށް ޓްރަމްޕް ހާމަކުރެއްވި އެވެ.
އަދި ޒަޕޮރިޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓްގެ ވެރިކަން ލިބޭނީ ކޮން ފަރާތަކަށްތޯ ވެސް މަޝްވަރާ ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.
ފާއިތުވި ހަފްތާގައި ސައުދީ އަރަބިއްޔާ ގައި ބޭއްވުނު މަޝްވަރާތަކު ގައި ޔުކްރެއިން އިން ވަނީ ހަނގުރާމަ 30 ދުވަހުގެ މުއްދަތަކަަށް ހުއްޓުމަށް އެއްބަސްވެފަ އެވެ.
މިއީ މިދިޔަ ފެބްރުއަރީ 28 ގައި ޓްރަމްޕާއި، ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު އޮވަލް އޮފީހު ގައި ބޭއްވުނު ބައްދަލުވުން ހޫނުވެ، ބަހުގެ ހަމަލާތަކެއް ބަދަލު ކުރި ފަހުން އައި ކުރިއެރުމެކެވެ.