އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ކެނެޑާ އަށް ވަޑައިގެންނެވުމަށް ފުރައި ވަޑައިގެންފި އެވެ.
ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ބުދަ ދުވަހުގެ ވަގުތެއްގައި ރޫބިއޯ ކެނެޑާ އަށް ވަޑައިގަންނަވާނެ އެވެ.
ރޫބިއޯގެ މި މިދަތުރުފުޅަކީ ދެޤައުމުގެ ގުޅުން ނާޒުކު ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ. ރޫބިއޯ ވަޑައިގަންނަވަނީ ޗާލެވޯ، ކިއުބެކްގައި ބޭއްވޭ ޖީ7 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި ބައްދަލުވުމުގައި ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އައު ސިޔާސަތު ހުށަހެޅުއްވުމަށް ރޭވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދަތުރުފުޅުގެ ކުރިން، ރޫބިއޯ ވަނީ ސައުދީ އަރަބިއާގެ ޖިއްދާ ގައި ޔުކްރެއިންގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި އެވެ.
ކެނެޑާގެ ދަގަނޑާއި އެލުމިނިއަމްގެ އިމްޕޯޓަށް 25 އިންސައްތައިގެ ޓެރިފް އެއް ކަނޑަ އެޅުމާއެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސް ވެދާނެ ކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފަ އެވެ.
ޓްރަމްޕް ވަނީ ކެނެޑާ އަކީ އެމެރިކާގެ "51 ވަނަ ސްޓޭޓް" އަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ޤައުމާ މެދު ފާޅުގައި ފުރައްސާރަ ކުރައްވާފައި ކަމަށް ކެނެޑާ އިން ޤަބޫލު ކުރެ އެވެ.
ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައި ވަނީ، މިހާރު ކެނެޑާ ކުރިމަތިލަމުން ދަނީ "ވުޖޫދީ ގޮންޖެހުމަކާ" ކަމަށެވެ.
ޓްރޫޑޯގެ ފަހުން ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަޑައިގަންނަވަން ހުންނެވި މާކް ކާނީ ވިދާޅުވެފައި ވަނީ އެމެރިކާ އިން ބޭނުން ވަނީ ކެނެޑާގެ ވަސީލަތްތަކާއި، ފެނާއި، ބިމާއި، އަދި މުޅި ޤައުމު ކަމަށެވެ.
ރޫބިއޯ ވިދާޅުވެފައި ވަނީ ދެ ޤައުމުގެ މެދުގައި ހުރި "އާންމު މަސްލަހަތުތައް" ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް، ދެ ޤައުމުގެ ގުޅުން އިތުރަށް ގޯސް ވެދާނެކަމުގެ ކަންބޮޑުވުން ދަނީ ދުވަހަކުން ދުވަހަށް އިތުރު ވަމުންނެވެ.