ފުލެޓުގެ ހައްގުވެރިންނަށް ފުލެޓް ދިނުމަށާއި، ސުޕްރީމް ކޯޓަށް އަތްބޭނުން ހުއްޓާލުމަށް ގޮވާލާ އެމްޑީޕީ އިން ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ފެށި ކުއްލި އެއްވުމަކީ ސަރުކާރުން ފުލެޓް ލިބިފައިވާ އެތައްހާސް ބައެއްގެ އަތުން ފުލެޓް އަތުލައި ތިންބާރު އެއްކޮށް ވެރިކަމުގެ ނިޒާމު ފުނޑާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތާއި ދެކޮޅަށް އަޑު އުފުލުމަށް ކުރިއަށްގެންދާ މުޒާހަރާއެކެވެ.
މީގެ އިތުރުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ، ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ.
މި މުޒާހަރާގައި އެމްޑީޕީގެ އިސް ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. މުޒާހަރާގައި ބައިވެރިން ވަނީ ސަރުކާރުގެ އިހުމާލުތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. މުޒާހަރާގައި ބައިވެރިން ގޮވާލަނީ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އަނިޔާވެރިކަން ހުއްޓާލުމަށާއި، ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކޮށް، ޒިންމާދާރު ވެރިކަމެއް ގާއިމުކުރުމަށެވެ.
އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާއަށް 5 ދުވަސް ވެފައިވާއިރު، މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދައްކައި، ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައި މުޒާހަރާއަށް ނުނުކުތުމަށް ދަނީ ޝަރުތުކުރަމުންނެވެ. އެގޮތުން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އަދި އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކު ވެސް ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.
ނަމަވެސް އެމްޑީޕީން ބުނެފައިވަނި މުޒާހަރާގައި އުޅޭ އިސް ފަރާތްތަކަށް ބިރު ދައްކައި އިދިކޮޅުގެ އަޑު ކަނޑުވާލަން ކުރާ އެއްވެސް މަސައްކަތަކަށް ފުރުސަތު ނުދޭނެ ކަމަށާއި، މުޒާހަރާ ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަމަށެވެ.