ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ސަރަހައްދުގައި ހޯމަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި މީހުން ހައްޔަރުކޮށް ތަންތަން ބަލައި ފާސްކުރި ނަމަވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިފަދައިން ހާމަކޮށްފައި މިވަނީ އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައެވެ.
ފޮރިން މިނިސްޓްރީން ނެރުނު އެ ނޫސް ބަޔާނުގައި ބުނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގާ މި އޮޕަރޭޝަނަކީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށާއި ނަމަވެސް މި އޮޕަރޭޝަނުގައި އަދި މި ވަގުތު އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި ކޯޓު އަމުރުތަކުގެ ދަށުން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެކި ސަރަހައްދުތަކާއި ވެހިކަލްތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށާއި އެހެންނަމަވެސް މިހާތަނަށް ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށެވެ.
ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކޯޓު އަމުރުތަކުގެ ދަށުން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް އެކި ސަރަހައްދުތަކާއި ވެހިކަލްތައް ބަލައި ފާސްކޮށްފައިވޭ. އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް. އެހެންނަމަވެސް މިހާތަނަށް ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ފާހަގަނުވޭ.
ފޮރިން މިނިސްޓްރީގެ ބަޔާން![]()
ބަޔާނުގައި އިތުރަށް ބުނީ ސަރުކާރުން ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށް، ކަމާ ބެހޭ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތަކާއި ނުރައްކާތައް ރަނގަޅަށް މޮނިޓާކޮށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަނާއި ވެހިކަލްތައް ވަނީ ބަލައި ފާސްކޮށްފައެވެ.