ކ. މާލެ
|
11 މާރޗް 2025 | އަންގާރަ 11:20
ސައުދީ އަރަބިއްޔާގެ ޖިއްދާގައި، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލު ކުރައް ވަނީ
ސައުދީ އަރަބިއްޔާގެ ޖިއްދާގައި، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، ޔުކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލު ކުރައް ވަނީ
ރޮއިޓަރސް
ޔުކްރެއިން-ރަޝިޔާ ހަނގުރާމަ
ޒެލެންސްކީ ސައުދީ އަހުދަށް ޔުކްރެއިން ހަނގުރާމައަށް ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފި
އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ-ޔުކްރެއިން މަޝްވަރާތަކާ ބެހޭ ގޮތުން އެމެރިކާގެ އޮފިޝަލުން ވަނީ، އުންމީދީ ރޫހެއްގައި ވާހަކަ ދައްކާފައި.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފި އެވެ. 

މި ބައްދަލުވުން ބޭއްވުނީ އެމެރިކާ އާއި ޔުކްރެއިން އޮފިޝަލުންގެ މަޝްވަރާތަކުގެ ކުރިންނެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކުރި ގޮތުގައި، މި ބައްދަލުވުމުގައި ވަލީ އަހުދު ވަނީ ޔުކްރެއިންގެ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ ބައިނަލްއަޤުވާމީ މަސައްކަތްތަކަށް ސަޢޫދީ އަރަބިއްޔާގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ޒެލެންސްކީ ވަނީ ސައުދީ އަރަބިއްޔާ އިން ކުރައްވާ ޑިޕްލޮމެޓިކް މަސައްކަތްތަކާއި، އިންސާނީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ އިސް އޮފިޝަލުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ސަޢޫދީގެ ދިފާއީ ވަޒީރު، ޚާރިޖީ ވަޒީރު އަދި މާލީ ވަޒީރުގެ އިތުރުން، ޔުކްރެއިންގެ ދިފާއީ ވަޒީރު ރުސްޓަމް އުމެރޮވް އަދި ޚާރިޖީ ވަޒީރު ޑުމިޓްރޯ ކުލެބާ ހިމެނެ އެވެ.

އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ-ޔުކްރެއިން މަޝްވަރާތަކާ ބެހޭ ގޮތުން އެމެރިކާގެ އޮފިޝަލުން ވަނީ، އުންމީދީ ރޫހެއްގައި ވާހަކަ ދައްކައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ މެދު އިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުން ރަނގަޅު ނަތީޖާތަކެއް ފެނިގެން ދާނެ އެވެ.

ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގައި ސައުދީ އަރަބިއްޔާ ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. އެގޮތުން ހަނގުރާމައިގެ ރަހީނުން ދޫކޮށްލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

- ކޮމެންޓް