އިޒްރޭލުން ގާޒާއަށް އިންސާނީ އެހީ ފޮނުވުން ހުއްޓާލުމާ ގުޅިގެން، ބޭކަރީތައް ބަންދުވެ، ކާބޯތަކެތީގެ އަގުތައް މައްޗަށް ދިއުމާއެކު، ކަރަންޓު ކެނޑުމުގެ ސަބަބުން ސާފު ފެން ލިބުމަށްވެސް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ފަލަސްޠީނު އޮފިޝަލުން ބުނެފިއެވެ.
ހަމާސް އާއެކު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އެ ޖަމާއަތަށް ފިއްތުން ދިނުމުގެ ގޮތުން ކާބޯތަކެއްޗާއި، ބޭސް އަދި ތެލުގެ އެހީ ފޮނުވުން އިޒްރޭލުން ވަނީ މެދުކަނޑާލާފައެވެ.
ގާޒާގެ ބޭކަރީތަކުގެ ޔޫނިއަންގެ އިސްވެރިޔާ އަބްދުއްނާސިރު އަލް-އަޖްރަމީ ރޯއިޓާޒަށް މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު ހިންގަމުންދާ 22 ބޭކަރީގެ ތެރެއިން 6 ބޭކަރީ ވަނީ ކައްކާ ގޭސް ހުސްވުމާ ގުޅިގެން ބަންދުކުރަން ޖެހިފައެވެ.
ޔޫއެންގެ ފަލަސްޠީނު ރެފިއުޖީ އޭޖެންސީ (އަންރުވާ) އިން ބުނެފައިވަނީ އިންސާނީ އެހީ ހުއްޓާލުމުގެ ނިންމުމަކީ، 17 މަސްދުވަހުގެ "އަނިޔާވެރި" ހަނގުރާމައަކުން ހާސްވެފައިވާ އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. ގާޒާގެ 2.3 މިލިއަން މީހުންގެ ގިނަ ބަޔަކު ބަރޯސާވެފައިވަނީ އެހީގެ މައްޗަށް ކަމަށް އެ އޭޖެންސީން ބުނެއެވެ.
ގާޒާގެ އެތައް އާއިލާއެއް މިހާރު ދިރިއުޅެމުންދަނީ ޓެންޓުތަކުގައެވެ. އެގޮތުން ހަ ކުދިންގެ މަންމައެއް ކަމަށްވާ ގާދާ އަލް-ރަކާބު (40) ބުނީ އަސާސީ ބޭނުންތައް ފުއްދުމަށް ވެސް ދަތިވެފައިވާ ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި 48،000 އަށްވުރެ ގިނަ ފަލަސްޠީނުން ވަނީ މަރުވެފައެވެ. މި ހަނގުރާމަ ފެށުނީ ހަމާސްގެ ހަމަލާއެއްގައި 1،200 އިޒްރޭލީން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ގެންދިއުމާ ގުޅިގެންނެވެ.
ހަނގުރާމަ މިހާރު ވަނީ ޖެނުއަރީ 19 އިން ފެށިގެން ހުއްޓާލާފައެވެ. ނަމަވެސް ހެދުނު އެއްބަސްވުމުގެ ފުރަތަމަ 42 ދުވަސް ހަމަވެ، ހަމާސް އާއި އިޒްރޭލާ ދެމެދު އަދިވެސް ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.