ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ ހުރިހާ ވިޔަފާރިއަކަށް އުދަނގޫކޮށް، ދަތިކޮށް، ޖެއްސުން ކުރަމުންދާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ މިސަރުކާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ރާއްޖޭގެ އިގްތިސާދީ ކަންކަން މެނޭޖްކުރަން ނޭނގޭ ކަމަށާއި، މިނިސްޓަރަށް އިތުބާރު ނެތް ކަމަށެވެ. މިސަރުކާރު އައިފަހުން ވިޔަފާރިތަކާއި، ކުންފުނިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ދަތިކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކޮވިޑް-19ގެ ދަތި ހާލަތުގައި އިގްތިސާދު މެނޭޖްކުރި ގޮތާއި، މިހާރު ކަންކަންވަމުންދާ ގޮތުން ރައްޔިތުންނަށް އެމްޑީޕީގެ ވެރިކަމާއި، ޕީއެންސީގެ ވެރިކަމުގެ ތަފާތު އެނގޭނެ ކަމަށާއި، ރައްޔިތުންގެ މަސްލަހަތު އިސްކޮށްފައިވަނީ އަބަދުވެސް އެމްޑީޕީން ކަަމަށް މެންބަރު ޝަމްހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވަކި ކުންފުންޏަކަށް ބެލުމެއްނެތި، ހުރިހާ ކުންފުނިތަކަށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.
އަޅުގަނޑު އަބަދުވެސް ޝުކުރުވެރިވާ ކަމެއް ކޮވިޑްގެ ތެރޭގައި ރައީސް ސާލިހުގެ ސަރުކާރުން ހަގީގަތުގައި ރާއްޖޭގައި އިގްތިސާދު މެނޭޖްކުރި ގޮތް ހަމަ އަޖާބުކުރަނިވި އެނގޭތޯ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ ރާއްޖޭގެ ހުރިހާ ރިސޯޓެއްހެން ހުއްޓިގެން ދިޔަ. ނަމަވެސް އެ ކޮންމެ ރިސޯޓެއްގައި ތިބި ދިވެހި މުވައްޒަފުންނަށް މުސަރާ ދެވޭގޮތް ހަދައިދިން. މާލޭގައި މިހުރި ހޮޓާތަކާއި، ވިޔަފާރިތަކަށް ވެސް ލޯނު ދެއްވި. ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ވެސް ކޮންމެވެސް ގޮތެއް ހައްދަވައިދެއްވި. މުޅި ރާއްޖޭގެ އިގްތިސާދު ފުޑިގެންދާނެވަރުގެ ކަމެއް އެއީ. އެކަމަކު ސަރުކާރުން އޭރު ނެގި ކުއިކް ޑިސިޝަންގެ ސަބަބުން ހަގީގަތުގައި އަޅުގަނޑުމެންނަށް ހައެއްކަ މަސް ތެރޭގައި ރާއްޖޭގެ އިގްތިސާދު އަލުން ފަށައިގަނެވުނު. މިއަދު މިފެންނަނީ ތަފާތު.
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު![]()
މި ސަރުކާރުން ދަނީ ހުރިހާ ވިޔަފާރިއަކަށް ޖެއްސުން ކުރަމުންކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، އަދި ޓެކްސީ ޚިދުމަތަށް ސަރުކާރުން ނުފޫޒު ފޯރުވައި، އުދަނގޫތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އަމިއްލަ ރައްޔިތުން ކުރަމުންދާ ވިޔަފާރިއަށް ސަރުކާރުން ވަދެ، އިދަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ ވޭޕްގެ ވިޔަފާރި ހުއްޓުވާލީ އޯވަރ ނައިޓަކުން ކަމަށާއި، އެއީ ވެސް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ވިޔަފާރިއެއް ކަމަށެވެ. ވަކި މުއްދަތެއް ނުދީ ވިޔަފާރި ހުއްޓުވާލީ، ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި، މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން މިއީ ރައްޔިތުންނާއި މެދު ވިސްނާ ސަރުކާރެއް ނޫންކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.