ކ. މާލެ
|
8 މާރޗް 2025 | ހޮނިހިރު 14:13
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު
ރާއްޖެއެމްވީ
ޝަރުއީ ދާއިރާ އަށް ނުފޫޒުފޯރުވުން
އާދިއްތަ ދުވަހު ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު މަހާޒާއި، އަޒްމިރާލްދާއަށް އަންގައިފި
ފަނޑިޔާރު އަޒްމިރާލްދާ ހާޒީރުވުމަށް އަންގާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ށް
ފަނޑިޔާރު މަހާޒު ހާޒިރުވުމަށް އަންގާފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 ށް
މި ދެ ފަނޑިޔާރުންނަށް ކުރާ ތުހުމަތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އަންނަ އާދީއްތަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވާން އެ ކޮމިޝަނުން އަންގައިފި އެވެ.

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް ވިދާޅުވީ ކޮމިޝަނަށް ހާޒިރުވާން އެންގީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރަށެވެ. ޖޭއެސްސީން އެ ދެ ފަނޑިޔާރުންނަށް ކުރާ ތުހުމަތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ.

ޖޭއެސްސީން ފަނޑިޔާރު އަޒްމިރާލްދާ ހާޒީރުވުމަށް އަންގާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:00ށެވެ. އަދި ފަނޑިޔާރު މަހާޒު ހާޒިރުވުމަށް އަންގާފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00 ށެވެ.

ޖޭއެސްސީއަށް މި ދެ ފަނޑިޔާރުން ހާޒިރުވުމަށް އަންގާފައިވާއިރު، 26 ފެބްރުއަރީ 2025 ވީ ބުދަ ދުވަހު ޖޭއެސްސީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފަނޑިޔާރު ހުސުނުއް ސުޢޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޭސީސީން ހާމައެއް ނުކުރެއެވެ.

ފަނޑިޔާރުގެ މައްސަލަތަކެއް ބަލައި، ސަސްޕެންޑްކޮށްފައި މިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށާފައިވަނިކޮށެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ 26 ފެބްރުއަރީ 2025 ގައި ވަނީ ބިލެއް ފާސްކޮށްފައެވެ.

- ކޮމެންޓް