މަސްވެރިންގެ ފަސޭހަ އަށް ކަނޑުގައި އަޅާފައި ހުރި ކަނދުފަތި ތަކުގައި ޗައިނާ އިން ޑިވައިސްތަކެއް ހަރު ކުރުމަށް މުއިއްޒުގެ ސަރުކާރާ އެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފިއެވެ.
ސަރުކާރުގެ އޮފިޝަލަކު ނަން ހާމަ ނުކުރަން ޝަރުތު ކޮށް މައުލޫމާތު ދެމުން ބުނީ، ޗައިނާ އިން ރާއްޖޭގެ ކަނޑުތަކުގެ ދިރާސާ އަށް މިތަކެތި ހަރުކުރުމަށް ހުށަހަޅާފައިވާ ކަން އެނގިފައިވާ ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު މިއިން ޒަމާނަކު ނުދާހާ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ޗައިނާގެ ސެކަންޑް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީގެ އިސް ޓީމަކާ އެކު ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލު ކުރުމަށްފަހު އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދެ ފަރާތުގެ ދެމެދުގައި، ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
ސެކަންޑް އިންސްޓިޓިއުޓްގެ އޮފިޝަލުން ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މީޓިއޮރޮލޮޖީގެ އޮފިޝަލުންނާ ވެސް ބައްދަލު ކޮށްފައެވެ.
މި ބައްދަލުވުންތަކުގެ ތަފްސީލުތައް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، ހަމަ އެކަނި ބުނެފައިވަނީ ގުޅިގެން ދިރާސާ ކުރުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސެކަންޑް އިންސްޓިޓިއުޓުން ވަނީ މި ބައްދަލުވުންތަކުގައި ކަނދުފަތި ތަކުގައި ޑިވައިސްތަކެއް ހަރުކުރުމަށް ސަރުކާރަށް ހުށަހަޅާފައެވެ.
ހަރުކުރަން އުޅޭ ޑިވައިސް ތަކާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަ ކޮށްފައި ނުވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑުގައި އަޅާފައިވާ ކަނދުފަތި ތަކުގައި ހަރުކުރާ ޑިވައިސްތަކުން ކަނޑުގެ ކެމިކަލް އަދި ފިޒިކަލް މައުލޫމާތު އެއްކުރުމުގެ އިތުރުން މަސްމަހާމެހީގެ ހަރަކާތްތައް ދެނެގަނެވޭނެއެވެ.
"މިހާރު ޗައިނާ އިން މަސައްކަތް ކުރަމުންދަނީ މީޓިއޮރޮލޮޖީ އާ ގުޅިގެން މިކަން ކުރުމަށް ހޯދަން ޖެހޭ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން؛" ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ދިވެހި ރާއްޖެ އަކީ ދޮށީގެ މަސްވެރިކަމުގެ ގައުމެއް ކަމުގައި ވިޔަސް ޗައިނާ އަކީ ބޮޑެތި ބޯޓު ފަހަރުގައި ދާއަޅައިގެން މަސްވެރިކަން ކުރުމުގެ ރޮނގުން ވަރަށް ކުރިއަރާފައިވާ ގައުމެކެވެ.
ދާ އަޅާ ބޯޓު ފަހަރަކީ ދިވެހި މަސްވެރިން މަސްވެރިކަން ކުރާ ހިސާބަށް ވުރެ ބޭރުން ހަރަކާތްތެރިވާ އުޅަނދުތައް ކަމަށް ވުމާއެކު، އެފަދަ އުޅަނދުތަކަށް މަސްމަހާމެހި ދަތުރުކުރާ މަގާއި، ދަތުރުކުރާ ދުވަސް ވަރުގެ މައުލޫމާތަކީ ނުހަނު ބޭނުންތެރި މައުލޫމާތު ކަން ފާހަގަ ކުރެވެއެވެ.
ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ވެސް ފާހަގަ ކުރެވޭ މިންވަރަކަށް ވެއްޓިފައިވާއިރު، ކަނޑުމަހުގައި ޓެގް ހަރުކޮށްގެން ކޮށްފައިވާ ބައެއް ދިރާސާތަކުން، ކުރިން ދިވެހި މަސްވެރިން އާންމު ކޮށް ބާނާ ސައިޒްގެ ކަނޑުމަސް މިހާރުވެސް ރާއްޖޭގެ ސަރަހައްދަށް ވަންނަ މިންވަރު ފާހަގަ ކުރެވޭ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށް ކަމާ ބެހޭ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
"ޗައިނާ އިން ކުރާ ދިރާސާގައި ހޯދާ މައުލޫމާތު ހުންނާނީ އެމީހުން އަތުގައި، އޭގެ ފުރިހަމަ ހަގީގަތެއް ނޭގޭނެ، އެމީހުން ދިން މައުލޫމާތެއް ލިބޭނީ ރާއްޖެއަށް، އެމީހުންގެ އިކުއިޕްމެންޓާއި، ފަންނީ މީހުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނީ؛" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ޗައިނާ އިން މުއިއްޒުގެ ސަރުކާރާ އެކު ހަދާފައިވާ އެހެން އެއްބަސްވުމެއްގެ ދަށުން ޖާސޫސީ އާލާތްތައް ހަރުކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމުގެ ވާހަކަތައް ވެސް ވަނީ ފެންމަތިވެފައެވެ.
ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝެނޮގްރަފީ އާއި ރާއްޖޭގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާ ދެމެދު އެހެން އެއްބަސްވުމެއްވެ، 19 ފެބްރުއަރީ 2025 ގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމަކީ ވެސް ކަނޑުތަކުގެ ދިރާސާތައް ކުރުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މަހެއްހާ ދުވަހުގެ މުއްދަތަށް ޗައިނާގެ ދިރާސާ ކުރާ އުޅަނދު ޒިއާން ޔަންގް ހޮންގް -3، ރާއްޖޭގެ ސަރަހައްދުގައި ދަތުރުކޮށް، ބަނދަރު ކޮށްފައިވެއެވެ.
ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ ވައުދުވަމުން ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަދާ މިފަދަ އެއްބަސްވުންތަކާ ބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތެއް ހާމަ ކުރަމުން ނުގެންދާކަން ފާހަގަ ކުރެވެއެވެ.
ޗައިނާގެ "ޝިއާންގ ޔަންގ ހޮންގ 03" ކިޔާ 4,300 ޓަނުގެ ދިރާސާ އުޅަނދު އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ދަނޑިވަޅުގައި އިންޑިއާ އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށް އުޅަނދަށް ފާރަލާނެ ކަމަށް ބުނެފައެވެ.
އެ އުޅަނދަކީ ވެސް ރާއްޖޭގެ އޮފިޝަލުންނާ ދާދިފަހުން ބައްދަލު ކުރި ޗައިނާގެ ތާޑް އިންސްޓިޓިއުޓް އޮފް އޯޝަނޯގްރަފީގެ އުޅަނދެކެވެ. އެ އުޅނަދުން ކުރާ ދިރާސާތަކުގެ ތެރޭގައި ކަނޑުއަޑީގެ ޗާޓު ތައްޔާރުކުރުމާއި މަޢުދަނުގެ ވަސީލަތްތައް ދެނެގަތުން ހިމެނޭ ކަަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
އިންޑިއާ ނޭވީގެ އޮފިޝަލުން އެ ދުވަސްވަރު އިންޑިއާގެ މީޑިއާ އަށް ވާހަކަ ދައްކަމުން ބުނެފައިވަނީ، ކަނޑު އަޑީގެ ޗާޓު ތައްޔާރުކުރުމަކީ ސަބްމެރިންގެ ދަތުރުތަކަށް ބޭނުންކުރެވިދާނެ އަސްކަރީ މަޢުލޫމާތު ކަމަށެވެ. ދިވެހިރާއްޖެއިން ބުނެފައިވަނީ މި އުޅަނދު ރާއްޖޭގެ ސަރަޙައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށާއި، ހަމައެކަނި ބޭނުންވާ ތަކެތި އެރުވުމަށް ބަނދަރު ކުރަނީ ކަމުގައެވެ.
އިންޑިއާގެ ކަންބޮޑުވުންތައް ހަމައެކަނި ދިވެހިރާއްޖޭގެ ސަރަޙައްދަށް އެކަނި ނޫންކަން ފާހަގަކުރެވެއެވެ. އިންޑިއާ ކަނޑުގެ މުޅި ސަރަޙައްދަކީ ސިޔާސީ އަދި އަސްކަރީ ގޮތުން މުހިންމު ސަރަޙައްދެއްކަމުން، މި ސަރަޙައްދުގައި ހިންގޭ މިފަދަ ހަރަކާތްތަކާމެދު އިންޑިއާއިން ވަރަށް ބޮޑަށް ސަމާލުކަން ދެމުންދާކަން ފާހަގަކުރެވެއެވެ.
"ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް ކަމަށާއި ދިވެހީންގެ ގައުމީ ވާޖިބެއް؛" ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ.