ދިވެހިންނަށް ހުރިހާ ބަލިތަކަށް ބޭނުންވާ ބޭސް އެސްޓީއޯއަށް ނުގެނެވޭނެ ކަމަށާ އެއީ އެސްޓީއޯއަށް އެކަނި ކުރެވޭ ޒާތުގެ ކަމެއް ނޫންކަމަށް އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު އެހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އަމްރު ވިދާޅުވީ ބޭސްސިޓީގައި މިހާރު ޑޮކްޓަރުން ލިޔެދޭ ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަށާޖެހޭ ސިޔާސަތެއް ނުގެންގުޅޭ ކަމަށެވެ.
މިސާލު ޖައްސަވަމުން އަމްރު ވިދާޅުވީ އެސްޓީއޯއިން ބޭސް އެތެރެކޮށްފައި ޑޮކްޓަރަށް ފެންނާނެހެން އެސްޓީއޯއިން ލިބެންހުރި ބޭސްލިސްޓް ފެންނަ ގޮތް ހެދިޔަސް ބައްޔަށް އެންމެ ރަނގަޅު ބޭސް އެލިސްޓުގައި ނެތްކަން ޑޮކްޓަރަށް އެނގުނަސް، ބަލިމީހާ ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔުމުން، އެލިސްޓުގައި ހުރި ބޭސް ޑޮކްޓަރަށް ލިޔެދެންޖެހޭ ކަމަށެވެ. ދެން ބަލިމީހާ އަށް ރަނގަޅު ބޭސް ނުލިބި އިތުރަށް ބަލިވުން ނުވަތަ އިތުރުބަލިތައްޖެހި އަނެއްކާ ވެސް އާސަންދައިން ރައްޔިތުންގެ ފަރުވާއަށް ކުރަންޖެހޭ ޚަރަދު އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
އަމްރު ވިދާޅުވީ މިހާރު ބޭސްނުލިބިގެން އުޅޭ އެއްމައްސަލައަކީ އަމިއްލަ ވިޔަފާރިވެރިންގެ ފިހާރަތަކުން ބަލިމީހާއަށް ދޫކުރާ ބޭހަށް އާސަންދަ އަށް ބިލު ކުރުމުން ބިލުތަކަށް ފައިސާ ދޫނުކޮށް އެތައް މަހެއް ވެގެން ދިޔުމުން އެފިހާރަތަކަށް ބޭސް އިތުރަށް އެތެރެކުރަން ބޭނުންވާ ފައިސާ ނުލިބުން ކަމަށެވެ. އަދި ދެވަނަ ސަބަބަކަށް އަމްރު ފާހަގަކުރެއްވީ ބޭސްއެތެރެކުރާ އަމިއްލަ ފަރާތްތަކުން އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ ސަރުކާރުން ކަނޑައަޅައިފައިވާ އުޞޫލުގައި ހުރި އުނދަގޫ ގޮތްތަކެވެ.