ކ. މާލެ
|
9 މެއި 2025 | ހުކުރު 16:52
އިންޑިއާއިން ބޭސް ގެނައުމަށް އިންޑިއާގެ އެޗްއެލްއެލް ލައިފްކެއަރ އާއެކު އެއްބަސްވުމުގައި ސޮއިކުރުން
އިންޑިއާއިން ބޭސް ގެނައުމަށް އިންޑިއާގެ އެޗްއެލްއެލް ލައިފްކެއަރ އާއެކު އެއްބަސްވުމުގައި ސޮއިކުރުން
އެސްޓީއޯ
ބޭސް ގެނައުން
ޔޫރަޕް ކޮލިޓީގެ ބޭސް ގެންނާނެކަމަށް ބުނެ ބޭސް ގެނައުމަށް އިންޑިއާގައި ބޭސް އުފައްދާ ބަޔަކާއި ހަވާލުކޮށްފި
މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ވަނީ ލިބިފައި
މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެ

ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ގެނައުމުގެ ވައުދާއެކު، ޔޫރަޕުން ބޭސް ގެނައުމަށް އިއުލާންކުރުމަށްފަހު، ބޭސް ގެނައުމަށް އިންޑިއާގައި ބޭސް އުފައްދާ ބަޔަކާއި ހަވާލުކޮށްފިއެވެ.

ރާއްޖެއަށް މެދުނުކެނޑި ބައެއް ބޭސްތައް ހޯދުމަށް އިންޑިއާގެ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏަކާ އެކު އެސްޓީއޯ އިން އެއްބަސްވުމުގައި ސޮއިކުރީ ބުރާސްފަތި ދުވަހު އެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން ވަނީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފަވާއިރު، އެޗްއެލްއެލް އާއެކު މި އައު ޕާޓްނަރޝިޕްގެ މަޤްސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އަދި ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވަިދުތަކާއި އެއްގޮތަށް ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް ސީދާ އުފައްދާ ތަނުން، ޔޫރަޕު އަދި އެމެރިކާއިން ބޭސް ގެންނަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް