ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 18:35
އައްޑޫ އިން ކަރަންޓު ކެނޑުމުގެ މައްސަލަ މި ސަރުކާރަކަށް ހައްލެއް ނުވި
އައްޑޫ އިން ކަރަންޓު ކެނޑުމުގެ މައްސަލަ މި ސަރުކާރަކަށް ހައްލެއް ނުވި
ރާއްޖެއެމްވީ ގްރެފިކްސް
އައްްޑޫ ސިޓީ
އައްޑޫގެ ކަރަންޓު މައްސަލަ ހައްލުނުވެ ދިގުލައިގެން ދާކަން މެމްބަރުން ދިޔައީ މުއިއްޒު އަށް ދަންނަވަމުން
އައްޑޫ އިން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމުގެ ސާފު ނިޔަތެއް ސަރުކާރުގެ ނެތް
ކަރަންޓު ކެނޑުމުން އެމްޑީ ދައްކަވަނީ އެކި ސަބަބު، ހޫނު ގަދަވުން، ލޯޑު ބެލެންސް ކުރަން ޖެހުން، ސްޕެއަރ ލަސްވުން، ނުނީ މުވައްޒަފުން ގަސްދުގައި ހެދި ނުބަޔަކުން
މުޅި ނިޒާމު އޮތީ ފެއިލު ވެފައި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގެން ދިޔައިރު އެކަން ރައީސް މުއިއްޒު އަށް އެކި ފަހަރު މަތިން އައްޑޫ އަށް ނިސްބަތްވާ ޕީއެންސީގެ މެމްބަރުން ދިޔައީ ދަންނަވަމުން ކަމަށް އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދީފިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ދިގުލައިގެން ގޮސް ރޯދަ މަސް ފެށިގެން ހަފްތާ އެއް ވާއިރު ވެސް މައްސަލަ ހައްލު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރާއްޖެޓީވީގެ ފަށާއިރު ޝޯވ ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެކި ގަޑިތަކުގައި މިހާރުވެސް ކަރަންޓު ކަނޑަމުންދާ ކަމަށާއި ސަރުކާރުން މިކަން ހައްލު ކުރުަމަށް ބޭނުން ނުވާ ކަމަށެވެ.

ރޯދަ މަސް ފެށެން ވާއިރަށް ކަރަންޓުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ސަރުކާރުން ރައްޔިތުންނަށް ޔަގީންކަން ދިން ނަމަވެސް އެކަން ވާ ގޮތް ވަނީ ނުވެފައެވެ.

މި ނޫހަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި ރޯދަ މަސް ގާތްވަމުން އައި އިރު މައްސަލަ ހައްލު ނުވާކަމަށް ޚުދު ރައީސް މުއިއްޒު ގެ ސަމާލު ކަމަށް ސަރުކާރު ތަމްސީލު ކުރާ އައްޑޫ އަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ގެނެސްފައެވެ.

"ޕީއެންސީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ދިޔައީ މުއިއްޒު އަށް ދަންނަވަމުން، ކަރަންޓު ކެނޑޭ ގަޑިތަކާއި، ފެނަކައިން މައްސަލަ ހައްލު ކުރަން ބުނާ ތާރީޚްތަކަށް ނުވާ ކަންވެސް ރައީސް އަށް ދަންނަވަމުން ދިޔައީ." މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ނަން ނުޖެހުމަށް ޝަރުތު ކޮށް މިކަމުގެ ހަގީގަތް އެނގޭ ފަރާތުން މި ނޫހާ ވާހަކަ ދައްކަމުން ބުނީ، މެމްބަރުންގެ ކަންބޮޑުވުން ރައީސަށް ދެންނެވިޔަސް މައްސަލަ އޮންނަނީ ހައްލު ނުވެ އޮންނަ ތަނުގައި ކަމަށެވެ.

"މެމްބަރުން ޝަކުވާ ރައީސް އަށް ދެންނެވީމަ، ފެނަކަ އެމްޑީ އަތުން ރައީސް ޖަވާބެއް ހޯއްދަވަނީ، ހޯއްދަވާފައި އެ ޖަވާބު ދެއްވަނީ، މެދުވެރިއެއްގެ ދައުރު މިއަދާ ކުރައްވަނީ، މައްސަލަ އޮންނަނީ އޮންނަ ގޮތައް ހައްލު ނުވެ،" އޭނާ ބުންޏެވެ.

މެމްބަރުންގެ ޕްރެޝަރަށް، ރައީސް މުއިއްޒު އަށް ފެނަކައިގެ އެމްޑީ މޭޖަރ ރިޓަޔަޑް މުހައްމަދު ނަޖާހް ވަނީ އައްޑޫގެ ދެ ޖަނަރޭޓަރަކަށް ބޭނުންވާ ހުރިހާ ސްޕެއަރ ޕާޓްސް އެއް މާލެ ގެނެސް ރޯދަ މަސް ފެށުމުގެ ކުރިން ޖަނަރޭޓަރުތަކުގައި އަޅުވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށާއި، އެމްޑީ ވަނީ ރޯދަ މަސް ފެށުމުގެ ކުރިން އައްޑޫގެ ކަރަންޓުގެ ޚިދުމަތް މުޅިން ބަރާބަރަށް ލިބޭނެ ކަމަށް މުއިއްޒު އަށް ދަންނަވާފައި ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

"އެމްޑީ އެކި ފަހަރު ދެއްވަނީ އެކި ޖަވާބު، ރައީސް އަށް ދެއްވާ ޖަވާބު އާއި މެމްބަރުންނަށް ދެއްވާ ޖަވާބާ އެއް ގޮތައް ކަންކަމެއް ނުހިނގާ، ނިންމާނެ ތާރީޚުތައް ދެއްވާ އެކަމު ކަމެއް އެ ގޮތަކަށް ނުވޭ، މީގައި ވަރަށް ބޮޑު އިހުމާލެއް އެބައޮތް ކޮންމެވެސް އެއް ފަރާތެއްގެ،" ކަން ހިނގި ގޮތުގެ މައުލޫމާތު އެނގޭ ފަރާތަކުން މިކަން ކިޔައިދެމުން ބުންޏެވެ.

އެއް ފަހަރު ކަރަންޓު ކަނޑަން ޖެހުނު ސަބަބެއް ކަމަށް އެމްޑީ ނަޖާހް ރައީސް މުއިއްޒު އަށް ދެންނެވި ކަމަށް ވަނީ އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ގަސްދުގައި ހެދި ނުބައެއްގެ ސަބަބުން ވީ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

"ތުހުމަތުކޮށް ތަހުގީގު ކުރާ ކަމަށް ވަނީ ފެނާ ތެލާ އެއްކުރީ އޭ ކިޔައިގެން؛" މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

އެކަން ތަހުގީގު ކުރަމުންދާ ކަމަށް އެމްޑީ ރައީސް މުއިއްޒު އަށް ދެންނެވި ކަމަށް ވެސް ވެއެވެ.

މައްސަލަ އަކީ ކޮބާ ކަމެއް ނޭނގެއެވެ. ސްޕެއަރ ގެނެސްފި ކަމަށް ބުނެފިއެވެ. އައްޑޫގައި ތިބި އިންޖިނޭރުންނާ ޓެކްނީޝަނުންނާ ނުވެގެން ފުވައްމުލަކުން ޓީމު ގެނެސްގެން މަސައްކަތް ކުރަމުން ދިޔަ ކަމަށް އެމްޑީ ސަރުކާރުގެ ވެރިންނަށް ދެންނެވި ކަމަށް ވެއެވެ. އެތަނުގައި ހުރި 1.8 މެގަވޮޓްގެ ޖަނަރެޓަރު މަރާމާތުކޮށް އެ ޖަނަރޭޓަރު ބޭނުން ކުރަން ފެށުމުން މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށް ބުނިއިރު، އެކަން ވުމުން ދެން އަންނަނީ އެހެން ދެ ޖަނަރޭޓަރެއްގެ މަރާމާތުގެ މައްސަލަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ސްޕެއަރ ޕާޓްސް ވެސް ގެންނާނެ ކަމަށް ބުނާ ދުވަހަކަށް ނުލިބޭ، ބުނަނީ މާދަން ކުލިއަރ ކުރަނީއޭ، އަނެއް ދުވަހު ފޮނުވަނީއޭ، އެކަމެއް ނުހިނގާ އެ ގޮތައް، އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ؛" މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މިހާރު ދެ ޖަނަރޭޓަރު މަރާމާތު ކުރަން ސްޕެއަރ ގެނެސް އެކަން ވެސް ކޮށްފި ކަމަށް ވަނީ ބުނެފައެވެ.

ފަހުގެ ތާރީޚެއްގައި ކަރަންޓް ކަނޑަނީ ކީއްވެތޯ ސާފު ކުރުމުން އެއީ އެދުވަހު މެންދުރުފަހު މާ ބޮޑަށް ހޫނު ގަދަވެގެން ލޯޑު މާ މައްޗަށް ދާތީ ލޯޑު ބެލެންސް ކުރަން ކަމަށް ވެސް ސަރުކާރުގެ ވެރިންނަށް އެމްޑީ ދެންނެވި ކަމަށް ވެއެވެ.

އައްޑޫގައި ކަރަންޓުގެ މައްސަލަ ކުރިމަތިވަމުންދާތާ އެތައް މަސް ދުވަހެއް ވެއްޖެއެވެ. މޭޔަރ ނިޒާރު ވިދާޅުވީ ރަމަޟާން މަހަށް މިކަން ހަމަޔަކަށް އަޅުވާނެ ކަމަށް އޭނާ ވެސް ހުންނެވީ އުއްމީދު ކުރައްވައިގެން ކަމަށެވެ.

މާލޭ އިން ސްޓެލްކޯ އިން ދެއްވި ޖަނަރޭޓަރެއްވެސް ގެނެސްފި ކަމަށް މޭޔަރު ވިދާޅުވިއެވެ. އެކަމަކު އެ ޖަނަރޭޓަރު އޮޕަރޭޓް ކުރަން ފެށި އިރު އިތުރު ދޭއްޗެއް ހުރީ ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ، އޮޕަރޭޝަނުގައި 18 ވަރަކަށް ޖަނަރޭޓަރު ހުންނަ ކަމަށާއި، އޭގެ ތެރެއިން ހިނގަނީ ނުހިނގަނީ ކޮން ޖަނަރޭޓަރެއްކަން ވެސް ނޭގޭހާ ގިނަ އަދަދަކަށް ޖަނަރޭޓަރު އައްޑޫގެ އިންޖީނުގޭގައި ހުރި ކަމަށެވެ.

ނިޒާރު ވަނީ ސްޕްއަރ ނުލިބި، އޯވަރހޯލް ކުރަން ބޭނުންވާ ސާމާނު ނުލިބި، އެކަކަން ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ.

"މުޅި ސިސްޓަމް އޮތީ ފެއިލްވެފައި، މިތާތެރޭ ވާނުވާ އެއް ނޭނގޭ ހިސާބުގައި މިހާރު އޮތީ؛"

މޭޔަރ ވިދާޅުވީ، މިކަން ހައްލު ކުރުމުގެ ސާފު ނިޔަތެއް ސަރުކާރުގެ ނެތް ކަމަށެވެ.

- ކޮމެންޓް