ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 12:39
ބުދަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް މެކްރޮން ދެއްވި ޚިތާބުގެ ތެރެއިން
ބުދަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް މެކްރޮން ދެއްވި ޚިތާބުގެ ތެރެއިން
ރޮއިޓަރސް
ފްރާންސް
ރަޝިޔާ އަކީ ފްރާންސް އާއި ޔޫރަޕަށް އޮތް ނުރައްކަލެއް ކަމަށް މެކްރޮން ވިދާޅުވެއްޖެ
ފަރަންސޭސި ރައީސް ވިދާޅުވީ މިއަދު ވެސް އަދި ޒަމާނުއްސުރެ ވެސް، ރަޝިޔާ އަކީ ފްރާންސްގެ އިތުރުން ޔޫރަޕަށް އޮތް ނުރައްކަލަކަށް ވެފައިވާ ކަމަށް.

ރަޝިޔާގެ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި, ފްރާންސްގެ ނިއުކްލިއާ އެހީތެރިކަން ޔޫރަޕްގެ ބައިވެރިންނަށް ފޯރުކޮށްދިނުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް އެ ޤައުމުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮަށް ޤައުމާ މުޚާތަބު ކުރައްވަމުން މެކްރޮން ވަނީ ރަޝިޔާ އަކީ ފްރާންސް އަދި ޔޫރަޕަށް އޮތް "ނުރައްކަލެއް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އެގޮތަށް ސިފަ ކުރައްވައި މެކްރޮން ވިދާޅުވީ، ފްރާންސްގެ ނިއުކްލިއާ އެހީތެރިކަން ބޭނުންކޮށްގެން އެކުވެރި ޤައުމުތަށް ހިމާޔަތް ކުރުމުގެ ސްޓްރެޓެޖިކް ބަހުސް އަކަށް ހުޅުވާލައްވާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން ގައިި އޮތް ހަމައެކަނި ބާރަކީ ފްރާންސް ކަމަށްވާއިރު، މެކްރޮން ވިދާޅުވީ ފްރާންސްގެ ނިއުކްލިއާ ބާރުވެރިކަން އޮންނާނީ ހަމައެކަނި އެ ޤައުމުގެ ރައީސްގެ އަތްޕުޅުގައި ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕާ ދެމެދު މިވަގުތު ސިޔާސީ ގޮތުން ކަންކަން ހިނގަމުން އަންނަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި މެކްރޮން ވިދާޅުވެފައި ވަނީ، ފްރާންސްގެ ބެރިވެރިޔާ އެމެރިކާ އިން، ހަނގުރާމާގައި ދެކެމުން އަންނަ ގޮތް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ޔުކްރެއިން އަށް ދެމުން އަންނަ އެހީތެރިކަމާއި، ތާއީދު އެމެރިކާ އިން ކުޑަކޮށްފައިވާއިރު، އެކަމުގައި ދެން ކުރިމަތިވާން އޮތް ގޮތާ މެދު ޝައްކު އުފެދިފައިވާ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.

އެ ޚިތާބުގައި މެކްރޮޮން ވަނީ ޔުކްރެއިން އަށް ދެމެހެެއްޓެނިވި އެއްބާރުލުން ދިނުމާއި، ޔޫރަޕުގެ އަސްކަރީ ޤާބިލުކަން އިތުރަށް ޚަރުދަނާ ކުރަން ޖެހޭކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިއަދު ވެސް އަދި ޒަމާނުއްސުރެ ވެސް، ރަޝިޔާ އަކީ ފްރާންސްގެ އިތުރުން ޔޫރަޕަށް އޮތް ނުރައްކަލަކަށް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޔުކްރެއިންގެ "ފަހަތުން" ދިޔުން ވުލަޑިމިއާ ޕުޓިންގެ ރަޝިޔާ އިން ހުއްޓާލާނީ ކޮން އިރަކުތޯ އައްސަވައި މެކްރޮން ވަނީ ސުވާލު އުފައްދަވައިފަ އެވެ. ވަކިން ޚާއްސަކޮށް މެކްރޮން ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވިސްނައިދިނުމުގައި ޕުޓިންގެ ޤާބިލުކަމާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ.

ރަޝިޔާގެ ރައީސް ޕުޓިންގެ ޒައާމަތުގައި އެ ޤައުމުން ބޯޑަރުތަކާ ޚިލާފުވެ، މީހުން މަރައި، މޮލްޑޯވާ އަދި ރޮމޭނިއާގެ އިންތިޚާބު ތަަކަށް ނުފޫޒު ފޯރުވައި، އޮޅުވާލުމާއި، ހޮސްޕިޓަލްތަކާ ދެކޮޅަށް ސައިބާ ހަމަލާތައް ދީ އެތަންތަނުގެ އޮޕަރޭޝަންތައް ހުއްޓުވައި އަދި ސޯޝަލް މީޑިއާ ގައި ކަންކަން އޮޅުވާލަން މަސައްކަތް ކުރުމުގެ ބޭނުމަކީ ފްރާންސްގެ ކެތްތެރިކަން ޓެސްޓު ކުރުން ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ.

މެކްރޮން މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، އެމެރިކާ އިން ޔުކްރެއިން އަށް ދެމުން އައި އެހީތެރިކަން މެދު ކަނޑާލަން ވަނީ ނިންމައިފަ އެވެ. އެ ނިންމުން ނިންމާފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕާއި، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ދެމެދު ހޫނު ބަހުސެއް ހިނގާފައި ވަނިކޮށެވެ.

- ކޮމެންޓް