އިޒްރޭލް ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 3 މީހުން ޝަހީދުކޮށްލައިފިއެވެ.
އިޒްރޭލް ސިފައިން އަންގާރަ ދުވަހު ބުނެފައިވަނީ ހިފާފައިވާ ހުޅުނގު އައްސޭރީގެ ޖެނިން ސިޓީގައި ހިންގަމުންދާ އޮޕަރޭޝަން ފުޅާކޮށް، އެ އޮޕަރޭޝަންގައި 3 ފަލަސްތީނުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އިޒްރޭލް އަސްކަރިއްޔާއިން ބުނެފައިވަނީ އެ ސަރަހައްދުގެ ހަމާސްގެ ލީޑަރާއި އިތުރު ފަރާތެއް އޮޕަރޭޝަނުގައި ޝަހީދުކޮށްލާފައިވާ ކަމަށާއި، އިތުރު 3 މީހުން ހައްޔަރުކުރެވުނު ކަމަށެވެ. އަދި އިތުރު އިންސްޕެކްޝަނެއްގައި އެހެން ހަނގުރާމަވެރިއެއްވެސް ޝަހީދުކޮށްލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އިޒްރޭލު ސިފައިން ޝަހީދުކޮށްލި ހަމާސްގެ ލީޑަރު ކަމަށް ބުނާ ފަރާތަކީ އަސެރް ސަޢަދިއްޔާ ކަމަށް ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނެއެވެ. އޭނާ ޝަހީދުކޮށްލެވުނީ ޖެނިންގެ އިރުމަތީ ސަރަހައްދުގައި ކަމަށާއި، އޭނާގެ ހަށިގަނޑު އިޒްރޭލް ސިފައިން ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ޖެނިންގައި ހުންނަ ސަރުކާރު ހޮސްޕިޓަލުގެ އިސްވެރިޔާ ވިސާމް ބޭކަރ ބުނެފައިވަނީ 25 އަހަރުގެ ޖިހާދު އަލަވްނެހް އިޒްރޭލް ސިފައިންގެ ވަޒަނެއް އަރައިގެން ޝަހީދުވެފައިވާ ކަމަށެވެ.
އިޒްރޭލް ސިފައިން މި އޮޕަރޭޝަން ފެށީ ޖަނަވަރީ 21 ގައެވެ. "އަޔަން ވޯލް" ގެ ނަމުން ކުރިއަށްދާ މި އޮޕަރޭޝަނަކީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައުމަށްފަހު ފެށުނު އޮޕަރޭޝަނެކެވެ. މިއީ 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހުޅަނގު އައްސާރިއަށް ޓޭންކުތައް ވެއްދި އޮޕަރޭޝަން ކަމަށް ރިޕޯޓްތައް ބުނެއެވެ.