ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓު ކުރާ އެއް ގައުމަކަށް ޗައިނާ ވާއިރު، ރާއްޖޭން މުދާ އެންމެ ގިނައިން ބޭރު ކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ ނުހިމެނޭ ކަން ކަސްޓަމްސްގެ ތަފާސް ހިސާބުން ހާމަ ވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމު ކުރި މި އަހަރުގެ ޖަނަވަރީ މަހުގެ އިމްޕޯޓު އެކްސްޕޯޓު ތަފާސް ހިސާބުން ހާމަވާ ގޮތުގައި ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑް އަށެވެ. ދެން ހިމެނެނީ އިނގިރޭސިވިލާތާއި، ވިއެޓްނާމް، ބަންގްލަދޭޝް އަދި އިންޑިޔާ އެވެ.
އެންމެ ގިނައިން އެކްސްޕޯޓު ކުރި ގައުމު ކަމުގައިވާ ތައިލެންޑް އަށް 68 މިލިޔަން ރުފިޔާގެ މުދާ ބޭރު ކުރިއިރު އިނގިރޭސިވިލާތަށް 25 މިލިޔަން ރުފިޔާ، ވިއެޓްނާމް އަށް 15 މިލިޔަން ރުފިޔާ، ބަންގްލަދޭޝް އަށް 5 މިލިޔަން ރުފިޔާ އަދި އިންޑިޔާ އަށް 4 މިލިޔަން ރުފިޔާގެ މުދާ ޖަނަވަރީ މަހު ރާއްޖޭން އެކްސްޕޯޓު ކޮށްފައިވެއެވެ.
ދިވެހި ރާއްޖެ އާ ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށް ދެ ގައުމުން އެއްގައުމުން އަނެއް ގައުމަށް އެތެރެ ކުރާ ގިނަ ބާވަތްތަކުން މުޅިން ޑިއުޓީ ކަނޑާލާފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް އިންތިހާ ބޮޑު ވިޔަފާރީގެ ފަރަގަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ރާއްޖެއިން ޗައިނާ އަށް ބޭރުކުރާ މުދާ ފާހަގަ ކުރެވޭ މިންވަރަކަށް ނެތް އިރު ޗައިނާ އިން ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެ އަށް 1043 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ޖަނަވަރީ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 1045 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
އިންޑިއާ، ޗައިނާ ފިޔަވާ ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ ޔޫއޭއީ، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖަނަވަރީ މަހު ރާއްޖެއަށް 5.2 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.