މާލޭގަ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ސިޓީ ކައުންސިލުން ޕަމްޕުތައް ގެނައުމުން، މި ސަރުކާރުން އެކަމުގެ ކްރެޑިޓް ނަގަން މަސައްކަތްކޮށިފިއެވެ.
މާލެ ސިޓީ ކައުންސިލުން ގެނައި ޕަންޕްތައް ބޭނުންކުރަން މިހާރުވަނީ ފަށާފައެވެ. އަދި މިއީ އާންމުކޮށް މި ބޭނުންކުރާ ޕަންޕުތަކަށް ވުރެ 10 ގުނަ ބާރުމިނުގަ ފެންބޭރުކުރާ ޕަންޕު ތަކެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އާންމުކޮށް ގެންގުޅޭ ޕަންޕުތަކުން ފެންނަގާ ހޮޅީގައި ކުނިޖެހުމުން ދޭތެރެ ދޭތެރެއިން މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ހުއްޓާ ނުލާ ހޮނިހިރު ދުވަހުގެ ރޭ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ގެތަކަށް ފެން ވަނުމާއި ގުޅިގެން ފެން ހިއްކުމަށް މި ޕަމްޕުތައް ވަނީ ބޭނުންކޮށްފައެވެ. ނަމަވެސް ސަރުކާރުން ވަނީ މި ޕަމްޕްތައް ގެނެސްފައި ވަނީ ސަރުކާރުން ކަމަށް ބުނެ މާލޭގެ ފެން ބޮޑުވުމުގެ މައްސަލަ އަށް މި ސަރުކާރުން ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށް ވަކާލާތުކޮށްފައެވެ.
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުން ވަނީ ފެން ހިންދާ ޕަމްޕްތައް ގެންނަން ބަޖެޓް ދިނީ ސަރުކާރުން ކަމަށާއި މިއީ ރައީސް ޑރ.މުއިއްޒުގެ ހެޔޮފުޅުކަން ކަމަށް ސިފަކޮށްފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ މި ޕަމްޕްތައް ގެނައީ ކައުންސިލްގެ ބަޖެޓުގައި އެކަން ހިމަނާ ފާސްކޮށްގެން ކަމަށެވެ. އެ ދެ ޕަމްޕް ގެނައުމަށް 3 މިލިއަން ރުފިޔާ ހޭދަވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ކްރެޑިޓް ސަރުކާރުން ނަގާ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ އެންމެ ބޮުޑު އިސްކަމެއް ދީފައިވާނީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކަމަށެެވެ. އެއީ 40އަކަށް އަހަރުވީ ބޮޑު މައްސަލައަކަށް ވުމާއި އެކު އާއްމުން އެ ތަކުލީފުގައި ތިބެން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.