ދިވެހިރާއްޖެއިން ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީ ނުދައްކައި ދުންފަތް އެތެރެ ނުކުރެވޭނެ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލުތަކަށް ލިޔުމުން މިނިސްޓަރު ސައީދު ވަނީ ޖަވާބު ފޮނުއްވާފައެވެ. ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެގްރީމެންޓްގެ ދަށުން ޗައިނާއިން ރާއްޖެއަށް އިމްޕޯޓު ކުރެވޭ ދުންފަތުގެ ބާވަތްތައް އަދި ސިނގިރޭޓުން ޑިއުޓީ ނަގާނެތޯއާއި، ސިނގިރޭޓު އިމްޕޯޓުކޮށްގެން ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ލަފާކުރާ އާމްދަނީގެ އަދަދަށް މީގެ ސަބަބުން އަންނާނީ ކޮން ހީނަރުކަމެއްތޯ އަދި އެކަން ފޫބައްދަން ކުރެވެމުންދަނީ ކޮން ކަންތައްތަކެއްތޯ ސުވާލުކޮށްފައިވެއެވެ.
ލިޔުމުން މިނިސްޓަރު ސައީދު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި، އަދި ސިނގިރޭޓުން ޑިއުޓީ ނަގާ ކަމަށެވެ. ދުންފަތުގެ ބާވަތްތަކާއި،ސިނގިރޭޓުގެ ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ދިވެހިރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި، އަދި ސިނގިރޭޓް އިންޕޯޓު ކުރާ މިންވަރެއްގެ މައްޗަށް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު މުހައްމަދު އިބްރާހިމް ވަނީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެގްރީމެންޓްގެ ދަށުން ކަނޑާލެވޭ އިމްޕޯޓު ޑިއުޓީގެ ސަބަބުން ތަކެތީގެ އަގު ބޮޑުތަނުން ހެޔޮވާނެ ކަމަށް ވިދާޅުވެ، 5 މިލިއަން ރުފިޔާގެ ގެސްޓްހައުސްއެއް ހަދަން 5 ނުވަތަ 6 ލައްކަ ރުފިޔާގެ އަގު ހެޔޮވާނެ ކަމަށް މިސާލު ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާކަން ޔަގީންވާ ކަމަށާއި، އެފްޓީއޭގެ ފުރަތަމަ 5 އަހަރު ކޮންމެ އަހަރެއްގެ ވަކިން، އިމްޕޯޓު ޑިއުޓީން ގެއްލޭނެ އާމްދަނީ އަކީ ކޮބައިތޯ ސުވާލު ކޮށްފައިވެއެވެ. އަދި އެފްޓީއޭ އެގްރީމެންޓް މިއަދާ ހަމަޔަށް ދިވެހި ސަރުކާރުން ހާމަނުކޮށް އޮތީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.
މިސުވާލުތަކަށް މިނިސްޓަރު ސައީދު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ ޗައިނާއިން ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ތަކެއްޗަށް ނަގާ ޑިއުޓީ ބިނާވާނީ އެގައުމުން ދިވެހިރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގަށް ކަމަށެވެ.
އިއްޒަތްތެރި މެންބަރު ސުވާލު ކުރައްވާފައިވަނީ މުސްތަގުބަލުގައި ހިނގާނެ މުއާމާލާތްތަކެއް ކަމަށްވާތީ އެކަމުގެ ސީދާ އަދަދުތަކެއް އެނގޭނީ އެ މުއާމަލާތެއް ހިނގާ ނިމުމުންނެވެ. ދޭދޭ ގައުމުތަކުގައި ކުރެވޭ އެއްބަސްވުންތަކާއި ޓްރީޓީތައް އާއްމު ކުރެވޭނީ އެއްބަސްވުމުގައި ކަނޑައަޅާ ދެގައުމުން އެއްބަސްވާ ގޮތުގެ މަތީންނެވެ. ދިވެހިރާއްޖެއިން ޗާއިނާއާއެކު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ދިވެހި ސަރުކާރުން ވަނީ މި އެއްބަސްވުން އާއްމުކޮށްފައެވެ.
އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު![]()
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެގްރީމެންޓް (އެފްޓީއޭ)ގެ ދަށުން އެފްޓީއޭގައި ދުންފަތުގެ ބާވަތްތަކާއި، ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފައިވާ އެފްޓީއޭގެ އިމްޕޯޓު ޑިއުޓީ ހިލާފު ކަމަށް ފެންނަ ކަމަށާއި، މިސާލަކަށް ސިނގިރޭޓުން ނަގާ ޑިއުޓީކަން މެންބަރު މުހައްމަދު އިބްރާހިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފްޓީއޭގެ ތެރެއިން ދުންފަތުގެ ބާވަތްތަކާއި، ސިނގިރޭޓުން ނަގަން ކަނޑައަޅާފައިވާ އިމްޕޯޓު ޑިއުޓީތަކަކީ ކޮބައިތޯއާއި، އެފްޓީއޭގެ ތެރެއިން ކަސްޓަމުން ނަގާ އިމްޕޯޓު ޑިއުޓީ ތަފާތުނަމަ އެތަފާތުތަކާއި، ތަފާތުކުރި ސަބަބާއި ގުޅޭގޮތުން މެންބަރު މުހައްމަދު އިބްރާހިމް ސުވާލު ކުރެއްވިއެވެ.
މި ސުވާލުތަކަށް މިނިސްޓަރު ސައީދު ވިދާޅުވީ ދިވެހިރާއްޖެއިން ޗާއިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ އިނާއަތް ދިނުމުން އިސްތިސްނާ ކޮށްފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީ ނަގާނީ ދިވެހިރާއްޖެއަށް އެހެން ގައުމުތަކުން އެތެރެ ކުރާ ސިނގިރޭޓަށް ވެސް ޑިއުޓީ ނަގާ ރޭޓުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.