ކ. މާލެ
|
3 މާރޗް 2025 | ހޯމަ 01:26
އަލީ ނިޔާޒް
އަލީ ނިޔާޒް
ރާއްޖެއެމްވީ
ހުޅުމާލެ
އިތުރަށް ވަގުތު ދުއްވާނުލައި ހުޅުމާލެއަށް ސިޓީއެއްގެ ދަރަޖަދޭން ވެއްޖެ: އަލީ ނިޔާޒު
އެޗްޑީސީއިން މުނިސިޕަލް ޚިދުމަތްދޭއިރު ރައްޔިތުންނާ މަޝްވަރާއެއް ނުކުރާނެ

މާލޭސިޓީ ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހުޅުމާލެ ނަމަކަށް ބާއްވައިފައި އެޗްޑީސީއިން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްދިނުމަށް ދޫކޮށްލައިގެން ނުތިބެ ހުޅުމާލެއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ފަހު ވަކި މޭޔަރެއް އިންތިޚާބު ކުރަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހުޅުމާލެދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ. ނިޔާޒު މިގޮތަށް ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ނިޔާޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭސިޓީ ކައުންސިލަށް އެނގުމެއްނެތި ، އަދި މާލޭ މޭޔަރަށް ވެސް އެންގުމެއްނެތި އެކަންކަން ހިންގަނީ އެޗްޑީސީއިން ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް އެޗްޑީސީއާ މާލޭސިޓީ ކައުންސިލް ކިތަންމެ މަޝްވަރާއެއް ކުރިޔަސް އިތުރަށް ހައްލެއް އަންނާނެ ކަމަށް މިހާރު ޤަބޫލުނުކުރެވޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެހެން ކަމުން މިހެން ނުތިބެ އިތުރު ވިސްނުމަކަށް ގޮސް ހުޅުމާލެ ވަކިން ސިޓީއަކަށް ބަދަލުކޮށް ވަކި މޭޔަރެއް އައްޔަނު ކުރުމުން މައްސަލަ ހައްލުވީ ކަމަށް ވިދާޅުވިއެވެ.

އެގޮތަށް އެކަން ކުރުމުން ހުޅުމާލެއިން މާލޭސިޓީ ކައުންސިލަށް ވަންނަންޖެހޭ އާމްދަނީ ކައުންސިލަށް ނުފޮނުވައި އެޗްޑީސީއިން ހިފަހައްޓަމުންދާ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މާލޭސިޓީ ކައުންސިލަށް މިހާރު ވެސް އެންމެ ބޮޑު އާމްދަނީއެއްގެ ގޮތުގައި ލިބެނީ ސަރުކާރުންދޭ ބޮލޮކްގްރާންޓް ފައިސާ ކަމަށެވެ. ހުޅުމާލެއަށް ވަކިން ސިޓީއެއްގެ ދަރަޖަ ދިނުމުން ހުޅުމާލެސިޓީއަށް ވެސް ބޮލޮކްގްރާންޓް ފައިސާ ވަކިން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް