މިދިޔަ އަހަރު 57 ފަރާތަކާއެކު އިއުތިރާފުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އިޢުތިރާފުގެ އެއްބަސްވުން ވުމަށް އެދި ހުށަހެޅި 161 ފޯމުގެ ތެރެއިން 93 ފޯމަކީ ތުހުމަތުކުރެވޭ މީހުން ގެ ފަރާތުން ހުށަހެޅި ފޯމްތަކެވެ. އަދި 68 ލޮގަކީ މި އޮފީހުގެ ޕްރޮސިކިއުޓަރުންގެ އިސްނެންގެވުމަށް ފޮނުއްވި ލޮގްތަކެކެވެ. ޕްލީ ބާގެއިން ޔުނިޓަށް ލިބުނު 161 ފޯމާއި ގުޅިގެން 57 ފަރާތަކާއެކު އިޢުތިރާފުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި، 34 ފަރާތާއެކު އިޢުތިރާފުގެ އެއްބަސްވުން ވުމަށް ނިންމައި އެކިއެކި ސަބަބުތަކާ ގުޅިގެން އެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މީގެ އިތުރުން ކުށަށް އިޢުތިރާފްވާ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ބަދަލުގައި ނަޞޭޙަތްދީ މައްސަލަ ނިންމުމުގެ އުޞޫލާ އެއްގޮތަށް 2024 ވަނަ އަހަރުވެސް "ދަޢުވާކުރުމުގެ ބަދަލުގައި ނަޞޭޙަތްދީ މައްސަލަ ނިންމުމުގައި ޕްލީ ބާރގެއިން ޔުނިޓު" ގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް ޕީޖީ އޮފީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރު 209 މައްސަލައިގައި ފިޔަވަޅު އަޅާފައިވެއެވެ. މިއަހަރުގެ ތެރޭގައި 86 އައު މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވެއެވެ.
މީގެ ތެރޭގައި ހިމެނެނީ "އިޢުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް އެދި ކުށުގެ ތުހުމަތުގައިވާ މީހާ ހުށަހަޅާ ފޯމް" އިން ތުހުމަތުކުރެވޭ މީހުން ހުށަހަޅާފައިވާ 55 ފޯމާއި، ޕްރޮސިކިއުޓްކުރުމުގެ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރުން ހުށަހަޅާފައިވާ 31 މީހުންގެ ފޯމެވެ. އަދި ޕްލީ ބާރގެއިން ޔުނިޓަށް ހުށަހެޅުނު 86 އައު މައްސަލައިގެ ތެރެއިން، ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް ނިންމާފައިވަނީ 77 މައްސަލައިގައެވެ. އަދި 4 މައްސަލައެއްގައި ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް ނުފެންނަކަމަށް ނިންމާފައިވެއެވެ. މީގެ ތެރެއިން 1 މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތުން ފޯމުގައި ސޮއިކޮށްފައިނުވާތީ އަލުން ފޯމު ހުށަހެޅުމުން ފިޔަވަޅުއެޅުމަށް ނިންމާފައިވެއެވެ.
އަދި 3 މައްސަލައެއްގައި ފޯމު ހުށަހެޅި ތުހުމަތުކުރެވޭމީހާ އިއުތިރާފްނުވާތީ، ނަމަވެސް ފަހުން އިއުތިރާފްވެ ފޯމު ހުށަހެޅުމުން އޭނާއާއިއެކު އެއްބަސްވުމެއްވާން ގޮތެއް ނިންމުމަށް ނިންމާފައިވެއެވެ. 2024 ވަނަ އަހަރު ނިމުނުއިރު، ލަފާދޭ ކޮމިޓީއަށް ހުށަހެޅުނު ޖުމްލަ 86 އައު މައްސަލައާ ގުޅިގެން 77 މީހަކާއެކު ނަޞޭޙަތުގެ އެއްބަސްވުމެއް ވުމަށް ނިންމާފައިވާއިރު އޭގެތެރެއިން 47 މީހުންނާއެކު ނަޞޭޙަތުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.
2024 ވަނަ އަހަރު ޕްލީ ބާރގެއިން ޔުނިޓަށް އެހެނިހެން އަހަރުތަކުގެ ޖުމްލަ 123 މީހެއްގެ މައްސަލަ ހުށަހަޅައި، ފިޔަވަޅުއަޅާފައިވެއެވެ. ނަޞޭޙަތުގެ އެއްބަސްވުމުގެ ޝަރުޠުތަކާއި އެއްގޮތަށް މުއްދަތު ކާމިޔާބުކަމާއެކު، ފުރިހަމަކޮށްފައިވާ 83 މީހެއްގެ މައްސަލައިގައި ފިޔަވަޅުއަޅައި މި 83 މީހުންގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލުމަށް ނިންމާފައިވެއެވެ.
1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް، 2357 މައްސަލައިގައި 5379 ފަހަރު ތަޙްޤީޤީ އިދާރާތަކުން އެއޮފީހުގެ ޕްރޮސިކިއުޓަރުންނާ ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން، ޑިއުޓީ ޕްރޮސިކިއުޝަންގެ ތެރެއިން، 1321 މައްސަލަ ދަޢުވާ ކުރުމަށްޓަކައި ބަލައިގެންފައިވާއިރު، 473 މައްސަލަ އަކީ ކުށެއްގެ ދަޢުވާކުރެވޭވަރަށް ހެއްކާއި ޤަރީނާ ނެތުމުގެ ސަބަބުން އެއޮފީހަށް ބަލައިނުގަތް މައްސަލަތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.