ހުއްޓާ ނުލާ ހޮނިހިރު ދުވަހުގެ ރޭ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ގެތަކަށް ފެން ވަންނަމުން ދާތީ އެމްއެންޑީއެފުން މާލޭގެ ފެން ބޮޑުވާ ހިސާބުތަކުގައި ވެލި ބަސްތާ ޖަހަން ފަށައިފިއެވެ.
އާންމު ފަރާތްތަކުން ހިއްސާ ކޮށްފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތަކަށް ވަރަށް ބޮޑަށް ބައެއް ގޭގެ އަށް ވަނީ ފެން ވަދެ ތަކެއްޗަށް ގެއްލުންވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައި ވާތީ ކަމާއި ބެހޭ މުއައްސަސާތަކުން ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލަމުންދާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
ހީނާގެ އިތުރުން ފުލުހުން ވެސް ވަނީ ވިއްސާރަ އާއި ގުޅިގެން މީސް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕޯސްޓްގައި ފުލުހުން ބުނީ ބައެއް ގޭގެއަށް ފެން ވަނުމުގެ މައްސަލަ ދިމާވަމުން ދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށް އެދޭ ކަމަށެވެ. އަދި ޒަރޫރީ ހާލަތުގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، ވެލިބަސްތާ ޖެހުމާއި، އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/BPijF8B0XP
— Maldives National Defence Force (@MNDF_Official) February 28, 2025
ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ސަރަހައްދަށް އޮރެންޖް އެލަޓް ވަނީ ނެރެފައެވެ.
Orange warning for torrential rain and thunderstorms with flooding. pic.twitter.com/wKuxxlMWaU
— Maldives Meteorology (@MetMaldives) March 1, 2025
މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވަނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.