ޣައްޒާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގައިވާ ފުރަތަމަ ފިޔަވަހި ނިމުމަކާ ކައިރިވެފައިވާއިރު، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ސުވާލުމާކެއްގެ ތެރޭގައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، ޖަނަވަރީ 19 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ހުއްޓުން ހޮނިހިރު ދުވަހު ނިމުމަކާ ހަމައަށް އަންނާނެއެވެ. ހަނގުރާމަ ހުއްޓާލި ފުރަތަމަ ހަފްތާގައި، ހަމާސްއިން އިސްރާއީލަށް 25 ދިރިހުރި ރަހީނުންނާއި 8 މަރުވެފައިވާ ރަހީނުންގެ ހަށިގަނޑު ރައްދުކުރިއެވެ. މީގެ ބަދަލުގައި އިސްރާއީލުން އެތައް ސަތޭކަ އަދަދެއްގެ ފަލަސްތީނު މީހުން ޖަލު ބަންދުން ދޫކޮށްލިއެވެ.
ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށްދަނީ ގާހިރާގައެވެ. އިސްރާއީލުގެ ވަފުދެއްގެ އިތުރުން ޤަތަރު އަދި އެމެރިކާގެ މެދުވެރިންވެސް މި މަޝްވަރާތަކުގައި ބައިވެރިވެއެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށްވެސް އެއްވެސް އެއްބަސްވުމަކާ ހަމައަށް ވާސިލުވެފައެއް ނުވެއެވެ.
ހަމާސްގެ ތަރުޖަމާނު ހަޒިމް ޤާސިމް ބުނެފައިވަނީ އިސްރާއީލުން ހުށަހަޅާފައިވާ ގޮތަށް ފުރަތަމަ ފިޔަވަހި އިތުރުކުރުމަށް އެ ޖަމާއަތުން ދެކޮޅު ހަދާ ކަމަށެވެ. އޭނާ ގޮވާލާފައިވަނީ އެއްބަސްވުމުގެ ހުރިހާ މަރުހަލާއަކަށް އިސްރާއީލުން ތަބާވުމަށް މެދުވެރިން ބާރުއެޅުމަށެވެ.
އެހެންނަމަވެސް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވެފައިވަނީ އިސްރާއީލުން ބުރަވަނީ ފުރަތަމަ ފިޔަވަހީގެ މުއްދަތު އިތުރުކޮށްގެން އިތުރު ރަހީނުން މިނިވަން ކުރުމަށް ކަމުގައެވެ.
މި މައްސަލައާ ގުޅޭގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓުން ދެމެހެއްޓެން ޖެހޭނެ ކަމަށެވެ. އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ މެކްސް ރޯޑެންބެކް ވިދާޅުވެފައިވަނީ ދެވަނަ ފިޔަވަހި ވަގުތުން ފެށޭނެކަމަށް ނުބެލެވުނު ނަމަވެސް، ހަނގުރާމަ ހުއްޓުން ނިމުމަކަށް އަންނާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.
ހަމާސް އިން ރަހީނު ކުރި 251 މީހުންގެ ތެރެއިން 58 މީހުން އަދިވެސް ޣައްޒާ ގައި ތިބީ ހިފަހައްޓާފައެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.
ހަމާސް އިން ބާރު އަޅަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ ފިޔަވައްސަށް އިސްރާއީލުން އެއްބަސްވުމަށެވެ. ހަނގުރާމަ މުޅިން ހުއްޓުމަކަަށް އަންނާނީ ދެވަނަ ފިޔަވަހީގެ ދަށުންނެވެ.