ކ. މާލެ
|
1 މާރޗް 2025 | ހޮނިހިރު 15:37
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު
ފޭރުމުގެ މައްސަލަތައް އިތުރުވުން
ރަމަޟާން މަހު ހުޅުމާލޭގެ ވަކި ސަރަހައްދުތަކެއްގައި ފޭރުމުގެ މައްސަލަތައް އިތުރު، ސަމާލުވާންޖެހޭ: ފުލުހުން
އާއްމުކޮށް ފޭރުމުގެ އަމަލުތައް ހިންގަނީ މަޣުރިބު ނަމާދާއި ތަރާވީހު ނަމާދު ވަގުތު ނިމޭ ގަޑިއާއި ދޭތެރޭގައި
ރޯދަ މަހު މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވައްކަމުގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އިތުރު
ހުޅުމާލެއަކީ ކުށްމަދު އަމާންތަނަކަށް ހެދުމަށްޓަކައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވާނެ

ރަމަޟާން މަހު ހުޅުމާލޭގެ ވަކި ސަރަހައްދުތަކެއްގައި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި، އާއްމު ރައްޔިތުން ސަމާލުވާންޖެހޭ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރަމަޟާން މަހަށް ފުލުހުންގެ މަސައްކަތްތައް ރާވާފައިވާ ގޮތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހުކުރު ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ފޭސް-1 ގެ ޕޮލިސް ސްޓޭޝަން ރެންސްޕޯންސް ހެޑް ވިދާޅުވީ ވޭތުވެދިޔަ 3 އަހަރުގެ ރޯދަ މަހަށް ބަލާއިރު، ވަކި ވަގުތުތަކެއްގައި ފޭރުގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އާއްމުކޮށް ފޭރުގެ އަމަލުތައް ހިންގާފައިވަނީ މަގުރިބު ނަމާދާއި، ތަރާވީހު ނަމާދު ވަގުތު ނިމޭ ގަޑިއާއި ދޭތެރޭގައި ކަމަށެވެ.

ފޭރުން ވަކި ގަޑިތަކެއްގައި ހުޅުމާލޭގެ ވަކި ސަރަހައްދުތަކެއްގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ. ފާއިތުވިތިން އަހަރު ވެސް އިތުރުވެފައިވާކަން. އާއްމުކޮށް ރޯދަމަހު މީހުން މަދުވާނެ ގަޑިތަކުގައި ފޯކަސް ކޮށްގެން ކުށުގެ ވެށީގައި އުޅޭ މީހުން ފޭރުމުގެ ކަންކަން ހިންގާފައި ހުރި ކަން ފާހަގަކުރެވޭ. އެންމެ އާއްމު ގަޑިއަކީ އިރުއޮއްސި މަގްރިބް ނަމާދުން ފެށިގެން ތަރާވީސް ނަމާދު ނިމޭގަޑިއާ ދޭތެރޭގައި ފޭރުމުގެ ކަންކަން ހިނގާ މިންވަރު އިތުރުކަން ފާހަގަކުރެވޭ.

ހުޅުމާލެ ފޭސް-1 ގެ ޕޮލިސް ސްޓޭޝަން ރެންސްޕޯންސް ހެޑް

ފުލުހުން ބުނީ ރޯދަ މަހު މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވައްކަމުގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އިތުރުވާ ކަމަށެވެ. ސައިކަލު ވަގަށް ނެގުމާއި، މަޑިދަށުން ވައްކަން ކުރުމާއި، ފިހާރަތަކުގެ ބޭރުގައި ބަހައްޓާފައި ހުންނަ މުދާ ވަގަށް ނެގުމާއި، ނަމާދުގަޑި ނުވަތަ ދަމު ނަމާދަށް މީހުން ދާގަޑި އަދި ފަތިސް ނަމާދަށް ދާ ގަޑިތަކުގައި މީހުންގެ ގޯތި ގެދޮރަށް ވަދެ އިލެކްޓްރޯނިކް ސާމާނު ވަގަށް ނެގުން ފަދަ މައްސަލަތައް އިތުރު ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ހުޅުމާލެ ލަކުނޑި ޖެޓީ ސަރަހައްދު، ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދު، ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދު، އަދި ހުޅުމާލެ ފްލެޓް1 އަކުން ފެށިގެން 5 ގައި ހިމެނޭ ފްލެޓްތަކުގެ ސަރަހައްދުތަކުގައި ވައްކަމާއި، އެހެނިހެން ކުށްތަކަށް މީހުން އަރައިގަންނަ މިންވަރު އިތުރުކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ހުޅުމާލޭގައި މަސްތުވާތަކެއްޗާއި، ރާލުގެ އެކި ބާވަތްތައް ވިއްކުމާއި، ބޭނުންކުރުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ވެސް ޚާއްސަކޮށްގެން ފުލުހުން ޚާއްސަ ޓީމެއް މޮނިޓަރ ކުރަމުންދާނެ ކަމަށެވެ.

ހުޅުމާލެއަކީ ކުށްމަދު އަމާންތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ހަރަކާތްތެރިވާ މިންވަރު އިތުރުވާނެ ކަމަށާއި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޓީމުތަކުން މޮނީޓަރ ކުރަމުންދާ ކަމަށެވެ.

- ކޮމެންޓް