ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 22:01
ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރުކަން އަދާކުރެއްވި އިބްރާހިމް އިސްމާއިލް ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 28 ފެބްރުއަރީ 2025
ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރުކަން އަދާކުރެއްވި އިބްރާހިމް އިސްމާއިލް ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 28 ފެބްރުއަރީ 2025
ރާއްޖެއެމްވީ
ފަނޑިޔާރުން ސަސްޕެންޑް ކުރުން
ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
ދުސްތޫރީ މުހިންމު މައްސަލަ އެއް ބަލަމުން ދަނިކޮށް ފަނޑިޔާރުން ސަސްޕެންޑްކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި
ޖޭއެސްސީގެ ނިންމުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ނިންމުމެއް ކަމަށް އޭނާ ވިދާޅުވި
މިއީ ޤައުމަކަށް ދިމާވާނެ އެންމެ ނާޒުކު ހާލަތު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ

ޚިޔާނާތުގެ މައްސަލަ އެއް ބަލަމުންދާ ކަަމަށް ބުނެ ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފައި ވަނީ ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލްއެވެ.

ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެއްފަހަރާ ކުށްލި ގޮތަކަށް ސަސްޕެންޑް ކޮށް، ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުވާފައި ވަނީ ބުދަ ދުވަހުއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމާއި ގުޅޭ ގޮތުން ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމެއްގައި، ޖޭއެސްސީގެ އެ ނިންމުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ނިންމުމެއް ކަމަށާއި ސުޕްރީމްކޯޓު ހުއްޓުމަކަށް ގެނައުމަކީ އެއްވެސް އިދާރާއަކަށް ވެސް މުޢައްސަސާ އަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އިބްރާހިމް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށް ބުނެ ފަނޑިޔާރުންތަކެއް ވަކި ކުރި އިރު އެ މައްސަލަ އަކީ ކޮބާތޯ ވެސް ސާފު ނުވާ ކަމަށެވެ. އެގޮތުން އޭނާ އަމިއްލަ އަށް ވެސް އޭސީސީން ބަލަމުންދާ މައްސަލަ އާއި ގުޅުން ހުރި މައުލޫމާތު ހޯދުމަށް، އެ ކޮމިޝަނަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް މަސައްކަތް ކުރައްވާފައިވާނެ ކަަމަށާއި އެ މައުލޫމާތުތައް ލިބޭ ގޮތެއް ނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަކީ ޤާނޫނުއަސާސީން މަނާކޮށްފައިވާ ކަމެއް ކަމަށާއި ރާއްޖޭގެ ދުސްތޫރު ހިފަހައްޓާ ދެނީ ސުޕްރީމްކޯޓުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސުޕްރީމްކޯޓު ހުއްޓުމަކީ ދުސްތޫރީ ނިޒާމް ހުއްޓުން ކަމަށް ވެސްއޭނާ ވިދާޅުވިއެވެ.

ޖޭއެސްސީ އަށް ގުޅައިގެން ވަރަށް އުނދަނގުލުން މައުލޫމާތު ލިބުނު. އެނގުނު މިންވަރަކީ ކުއްލި ބައްދަލުވުމެއް ބާއްވާ މި ދެންނެވި މައްސަލައިގައި ވަކިކުރިކަން. ކަންބޮޑުވުމަކީ ފަނޑިޔާރުން އެކަހެރިކުރުމެއް ވެސް ނޫން.

ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް

މި މައްސަލަ އާއި މެދު އިތުރަށް ވާހަކަދައްކަވަމުން، ސުޕްރީމްކޯޓު ހުއްޓުވާފައި ބޭއްވުމަކީ އާއްމު ރައްޔިތުންނަށް އިންސާފު ލިބެން އޮތް ހަމައެކަނި މަގު ބަންދުކުރުން ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިހާރު މި މައްސަލައިގައި ދެން ކުރިއަށް ދެވެން އޮތީ ހައިކޯޓު މެދުވެރިކޮށް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދުސްތޫރީ މުހިންމު މައްސަލަ އެއް ބަލަމުން ދަނިކޮށް ފަނޑިޔާރުން ސަސްޕެންޑްކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޖުޑީޝަރީ އެކަހެރިވެ ޕެރަލައިޒްކޮށްފައި ނުބޭއްވޭނެ ކަމަށާއި މިއީ ޤައުމަކަށް ދިމާވާނެ އެންމެ ނާޒުކު ހާލަތު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް