ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 18:03
ނ ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއަށް ވަނީ މައްސަލަ ހުށަހަޅާފައި
ނ ހޮޅުދޫ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީއަށް ވަނީ މައްސަލަ ހުށަހަޅާފައި
ރާއްޖެއެމްވީ
ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ
ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި
މެންބަރު ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމާއެކު އެ މައްސަލަ ކޮމިޓީން ބަލައިދިނުމަށް ވަނީ އެދިފައި
ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރިކަމެއް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައި
މި މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހެޅި 2 ކުއްލި މައްސަލަވެސް ވަނީ ބޭރުކޮށްލާފައި

ނ.ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅައިިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެންބަރު ކުޑޫ ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއްވެސް ފޮނުއްވާފައެވެ.

ތަހުގީގުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެއްބަސްވެވަޑައިގެންނެވި މި މައްސަލައާއި ގުޅިގެން މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށާއި، ތަހުގީގުވެސް އެންމެ ރަނގަޅަށް ކުރިއަށް ނުދާ ކަމަށެވެ.

މީގެ އިތުރުން ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ގޮސް، މިކަމުގެ ފަހަތުގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭނެކަމުގެ ބިރު އެބައޮތް ކަަމަށާއި، އިދާރާތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަމުގެ ޝަކުވާ ރައްޔިތުންގެ އޮތްކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން މި މައްސަލަ 241 ކޮމިޓީން ބަލައި ދިނުމަށް މެންބަރު ކުޑޫ ވަނީ އެދިވަޑައިގަންނަވާފައެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ. ނަމަވެސް 23 ޖެނުއަރީގައި ފުލުހުން ވަނީ ޒަކިއްޔާ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި، މިހާތަނަށް މި ތަހުގީގުގައި ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ސީނިއަރ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށް ހޮޅުދޫއަށް ޒިޔާރަތްކޮށް މި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެއިރު ބުނެފައިވެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލަ ދިގުލައި އިހުމާލުތަކެއް އޮތުމާއެކު އެރަށުގެ ރައްޔިތުން ދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. އަދި އެޗްއާރުސީއެމްއިން ވަނީ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން އެ ކޮމިޝަނަށް މި މައްސަލައިގެ ތަހުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށް ބުނެ، އެ މައްސަލަ އެ ކޮމިޝަނުންވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެޗްއާރުސީއެމްއިން ބުނެފައިވަނި މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބަލަމުންދާ ކަމަށާއި، މިމައްސަލަ ތަހްގީގްކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ދިރާސާ ކުރަމުންދާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ދިގުލައިގެން ގޮސް، ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުންތަކެއް ނުލިބުމުން އެރަށުގައި މުޒާހަރާކޮށް، ޕޮލިސް ސްޓޭޝަން ބަންދުކުރަން ރައްޔިތުން ނުކުތުމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ހިމެނިވަޑައިގަންނަވާހެން ފުލުހުންގެ ޓީމެއް ވަނީ އެރަށަށް ޒިޔާރަތްކުރައްވާފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިޙުސާން ވިދާޅުވީ އެ ރައްޔިތުން ފާހަގަކޮށްފައިވާ ފުލުހުންގެ އިހުމާލުތައް ޤަބޫލު ކުރާ ކަމަށެވެ. އަދި ބައެއް ކަންކަން އިހުމާލުން ހިނގާފައި އެބަ ހުރި ކަމަށް އިޙުސާން ވިދާޅުވިއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ ވެސް ބަލައި ނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލައިފިއެވެ. މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ވަނީ ދެ މައްސަލާގައި ވެސް ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާ ކަމަށް ނިންމަވާފައެވެ. ސަބަބަކީ މި މައްސަލަ އަކީ ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގި ކަމަކަށް ނުވުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.

ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުން ކަމުގައި މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެއެވެ.

- ކޮމެންޓް