ކ. މާލެ
|
28 ފެބްރުއަރީ 2025 | ހުކުރު 13:13
އިސްލާމީ މަރުކަޒުގައި ބަޔަކު ޚުތުބާ އަޑުއަހަނީ
އިސްލާމީ މަރުކަޒުގައި ބަޔަކު ޚުތުބާ އަޑުއަހަނީ
ރާއްޖެއެމްވީ
އިސްލާމިކް މިނިސްޓްރީ
ރޯދައިގެ ފުރިހަމަ ދަރުމަ ހޯދުމަށް ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވާންޖެހޭ: ޚުތުބާ
ރޯދައިގެ މައިގަނޑު މަގުސަދަކީ ތަގުވާވެރިވުން
ރޯދައަކީ ދުންޔަވީ އެދުންތަކާ ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް
ކެއިންބުއިމުގައި އިސްރާފުކޮށްގެން ނުވާނެ، އެއީ މާތް ﷲ ނުހަނު ބޮޑަށް ކޯފާވެވޮޑިގެންވާ ކަމެއް

ރޯދައިގެ ފުރިހަމަ ދަރުމަ ހޯދުމަށް ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެ ތިބުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ރޯދަވެރިޔާ ޢަމަލުތައް ބަހައްޓާންވީ ގޮތް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ބައްދަލުމިކުރަނީ، ބަރަކާތްތެރި ރަމަޟާން މަސް ކަމަށާއި، ގުރްއާން ބާވައިލެއްވުނު މަސް ކަމަށެވެ. އެއީ ނަރަކައިން ދިންނެވުމުގެ މަސް ކަމަށާއި، އެ މަހު ހިފާ ރޯދައާއި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާ މަހެއް ކަމަށެވެ. އަދި އެންމެ ރެއެއްގެ އަޅުކަން އެ ރޭ ނުހިމެނޭ އެއް ހާސް މައްސަރަށް ވުރެ، ހެޔޮވެގެންވާ ރެއެއް، އެ މަހުގައިވާކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ރޯދައިގެ މައިގަނޑު މަގުސަދަކީ ތަގުވާވެރިވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ތަގުވާގެ މާނައިގައި، ހެޔޮ އަމަލުކުރުމާއި، އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނޭ ކަމަށެވެ. ރޯދައަކީ ތަގުވާގެ އިތުރަށް، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ކަމަށާއި، ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމީ، ދުންޔަވީ އެދުންތަކާ ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް ކަމަށެވެ. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެން ކަމަށެވެ. ނުބައި ބަސްތައް ބުނުމާއި، އެ ފަދަ ޢަމަލުތައް ކުރުން ހުއްޓައިލައިގެން ކަމަށާއި، އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވެގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ރޯދަމަހަކީ ހަށިގަނޑަށް ފައިދާ ހުރި، ޙަލާލު ތަކެތި ކެއުމަށް ބާރުއަޅާންޖެހޭ މަހެއް ކަމަށެވެ. އަދި ކެއިންބުއިމުގައި އިސްރާފުކޮށްގެން ނުވާނެ ކަމަށާއި، އެއީ މާތް ﷲ ނުހަނު ބޮޑަށް ކޯފާވެވޮޑިގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތެވެ. ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްކުރައްވައިފައި ވެއެވެ. (كَمْ مِنْ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْـجُوْعُ) މާނައީ: "އެ މީހެއްގެ ރޯދައިން، ބަނޑުހައި ހޫނުކަން ނޫން އެހެން ކަމެއް ނުލިބޭ ކިތައް ރޯދަވެރީން ވޭހެއްޔެވެ؟" މި ޙަދީޘުގެ މުރާދަކީ، ރޯދައަށް ތިބޭ މީހުންގެ ތެރޭގައި އެ ފަދަ މީހުން ވަރަށް ގިނައެވެ. އަދިވެސް ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ لَـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ وَالْـجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ) މާނައީ:" ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު ބަސްތައް ގޮވައި ހެދުން ހުއްޓައިނުލައިފި މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވުމަކަށް ﷲ تَعَالَى އެދިވޮޑިނުގަންނަވަތެވެ." ދޮގުހެދުމާއި، ދެބައޮޑުވުމާއި، ނެތިމޮށުމާއި، މަކަރުހެދުން ފަދަ ޢަމަލުތައްކުރާ މީހާގެ ރޯދަ ނުގެއްލުނެއް ކަމަކު، އެ ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެއެވެ.

ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ރޯދަމަހު މުސްލިމުންގެ ހުރިހައި އަމަލެއް ހެޔޮ ގޮތުގައި ބަހައްޓަންޖެހޭ ކަމަށެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމާއި، ނިކަމެތީންނަށް އެހީވުމާއި، ނަމާދުކުރުމާއި، ކީރިތި ގުރްއާން ކިޔެވުމާއި، ދަމުނަމާދުކުރުމާއި، އިޢުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގައި ކަމަށެވެ. ގޭތެރޭގައި ކުރާން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހަމަ އެ ފަދައިން ވިޔަފާރިވެރީން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓުރޯލުކޮށް، އުޚުރަވީ ޙަޔާތުން ފައިދާއާއި ނަފާ ލިބިގަތުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

- ކޮމެންޓް