ތ. މަޑިފުށީގައި ނުކުޅެދޭ އަންހެނަކަށް ރޭޕްގެ ތުހުމަތުކޮށްފައިވާ މީހަކު ދަންޖެހިގެން މަރުވުމުން، ބައެއް އާއްމުން ނުކުމެ މައްސަލައިގައި ހިމެނޭ އަންހެން މީހާ އާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
މަޑިފުށީ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މިދިޔަ އާދިއްތަ ދުވަހު މައްސަލަ އެއް ހުށަހަޅާފައިވާ ކަަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ރޭޕްގެ ތުހުމަތުކޮށްފައި ވަނީ 63 އަހަރުގެ މީހަކަށެވެ. އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް ހުށަހެޅި މައްސަލަ އާއި ގުޅިގެން އެ މީހާގެ ބަޔާން ނަގަން މަޑިފުށި ޕޮލިސް ސްޓޭޝަނަށް މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ވަނީ ހާޒިރުކޮށްފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން މައްސަލައިގައި ހިމެނޭ އަންހެން މީހާގެ ޓެސްޓްތައް ހެދި އިރު އޭނާ އަށް ޖިންސީ އަނިޔާތަކެއް ލިބިފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް މިފަދަ މައުލޫމާތެއް ރަސްމީކޮށް ފުލުހުން ހާމަ އެއް ނުކުރެއެވެ.
އެ ރަށު މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ، މިފަދަ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ދަންޖެހިގެން މަރުވުމުން އެނާގެ އާއިލާ އާއި ބައެއް އާއްމުން ވަނީ އޭނާގެ މައްޗަށް ރޭޕްގެ ތުހުމަތު ކުރި އަންހެން މީހާ އާއި ދެކޮޅަށް މުޒާހަރާކޮށްފަ ކަމަށެވެ. އޭނާ ބުނިގޮތުގައި ބުރާސްފަތި ދުވަހު އެ އަންހެން މީހާގެ ގެ ކައިރީގައި އެއްވެ މުޒާހަރާ ކުރި މީހުން ވަނީ އެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އަދި އޭނާ ހައްޔަރުކުރުމަށް އާއްމުން ވަނީ ގޮވާލާފައެވެ.