ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 12:41
ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުވާ ކުރެއްވުމުގެ ދަރުބާރުގައި ރައީސް ޞާލިޙާ ސަލާމްކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުވާ ކުރެއްވުމުގެ ދަރުބާރުގައި ރައީސް ޞާލިޙާ ސަލާމްކުރައްވަނީ
ރައީސް އޮފީސް
ޚުދުމުހުތާރު ވެރިކަން
ރާއްޖެއިން ފެނިގެންދަނީ ފަނޑިޔާރުންނަށް ބިރު ދައްކައި، ވަރަށް ނާތަހުޒީބުގެ ހުތުރު އަމަލުތަކެއް ހިންގާ މަންޒަރު: ރައީސް ސާލިހު
ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ގޮވާލާފައިވޭ
ރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް
މިކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން

ދިވެހިރާއްޖެއިން މިއަދު ފެނިގެންދަނީ ފަނޑިޔާރުންނަށް ބިރު ދައްކައި، ވަރަށް ނާތަހުޒީބުގެ ހުތުރު އަމަލުތަކެއް ހިންގާ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވިދާޅުވީ މިއަދު ފެނިގެންދަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް އެމައްސަލައަށް ސަރުކާރުގެ އިސްނެގުމުގެ މަތިން ސީދާ ސިޔާސީ ނުފޫޒު ވައްދައި، ހުރިހާ މުއައްސަސާއެއްގެ މުސްތަގިއްލުކަން ނަގާލައި, ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ވަރަށް ނާތަހުޒީބުގެ ހުތުރު އަމަލުތަކެއް ހިންގާ މަންޒަރު ކަމަށެވެ.

މި ކަންކަން ހުއްޓާލައި, ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ދައުލަތުގެ ވެރިންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ ދިވެހިރާއްޖެ މިވަގުތު މިސްރާބު ޖަހާފަ މިވަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި، އެތައް ބައެއްގެ ބުރަ މަސައްކަތުން އެންމެން ހޯދި ހައްގުތަކާއި, ތިން ބާރު ވަކިވެފައިވާ ނިޒާމު ޚަރާބުގެ މަގަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން ކަމަށެވެ. އަދި މިކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވެފައިމިވަނީ، ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލަ އެއް އެންޓިކޮަޕްޝަން ކޮމިޝަނުން (އޭސީސީ)އިން ބަލަމުން ދާތީ ކަމަށް ބުނެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން އެ ފަނޑިޔާރުން މަގާމުން ސަސްޕެންޑް ކޮށްފައިވަނިކޮށްށެވެ.

ޖޭއެސްސީން ބުދަ ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ތިން ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވަނީ، މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައިގައި މެންބަރުން ވަކިނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުގެ މައްސަލައިގެ އަޑުއެހުމަށް ވަކީލުން ކޯޓަށް ހާޒިރުވެތިއްބަވަނިކޮށްށެވެ.

އެހެންކަމުން މި އަޑު އެހުން ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރުމުން އެކަމާއި މެދު ޖޭއެސްސީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

- ކޮމެންޓް