މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗެއަރމަންގެ މަގާމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި، މުހައްމަދު އަފީފް ހުސެއިންގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަމުންދާކަން ހާމަވެއްޖެއެވެ.
އަފީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ބަލަމުންދާ ކަމުގެ ލިޔެކިއުންތައް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.
މައްސަލާގައި ބުނެފައިވަނީ އަމިއްލަ ފަރާތެއްގެ ކާރެއް ދައުލަތުގެ ވުޒާރާއެއްގެ ގަރާޖެއްގައި ރަޖިސްޓްރީ ކުރުމަށް ދައުލަތުގެ ނިޝާންޖެހި ގަނޑެއްގައި ސިޓީ ލިޔެ ރަސްމީ ހައިސިއްޔަތުން އޭގައި ސޮއިކޮށް ހުށަހަޅާފައިވާ ކަމަށާއި، އަދި މައުލޫމާތު ލިބޭ ގޮތުން މިކާރަކީ ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލިސްގެ މެންބަރަކަށް އުޅުއްވި މުހައްމަދު އަފީފް ހުސެއިންގެ ކާރެއް ކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ބެލިއިރު، ރަޖިސްޓްރީ ނަންބަރު BB1AP9712 ކާރު ޕަބްލިކް ވާރކްސް ސަރވިސަސް ޑިޕާޓްމަންޓްގައި ގަރާޖުކުރުމުގެ ހުއްދަ ހޯދުމަށް މުހައްމަދު އަފީފް ހުސެއިން މަސައްކަތްކޮށްފައިވާކަން އެނގެންއޮތަތީ މިމައްސަލައިގައި ގާނޫނު ނަންބަރު 9/2021 (ދިވެހިރާއްޖޭ ގާނޫނުލް އަޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) 90 ވަނަ މާއްދާގެ (ހ) 81 ވަނަ މާއްދާގެ (ހ) 82 ވަނަ މާއްދާގެ (ހ) ގައި ބާޔާންކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ސާބިތުކުރެވޭ މިންވަރަށް ތަހުގީގަށް ހެއްކާއި، ގަރީނާ ހޯދިފައިވާ ކަމަށެވެ.
އަދި ގާނޫނު ނަންބަރު 13/2008 (އެންޓި ކޮރަޕްޝަން ކޮމިޝަނުގެ) 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް އަނޑައަޅައި، މުހައްމަދު އަފީފް ހުސެއިން (މއ.ވޭސައިންޑް 304. ކ،މާލެ) އަށް ގާނޫނު ނަންބަރު 9/2014 ގައި މިމައްސަލަ ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވުމަށް އެ ކޮމިޝަނުން ނިންމާފައިވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމާއިމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހާއި އެ ކޮމިޝަނާ ދެމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ނަމަވެސް މިމައްސަލައާ ގުޅިގެން އޭސީސީ އަދި ޕީޖީ އޮފީހުގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އަފީފް އެމްޓީސީސީގެ ޗެއަރމަންގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 24 ޑިސެމްބަރ 2023 ގައެވެ. މީގެ ކުރިން ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތައް އަފީފް ފުރުއްވާފައިވެއެވެ.
އެގޮތުން އަފީފް ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އަދި ހައުސިން އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ވެސް ހުންނެވިއެވެ. އަފީފް އަކީ ސިވިލް ސަރވިސް މަޤާމް އެއްވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ ، މިހާރު އޭނާ ހުންނެވީ މިނިސްޓް އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް ގެ ޑިރެކްޓަރ ޖެނެރަލް ގެ މަޤާމް ގައެވެ. ޕ
އަފީފް ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފަ އެވެ.