ޖުޑީޝަލް ސާރވިސް ކޮމިޝަނުން ސަސްޕެންޓް ކޮށްފައިވާ ސްޕްރީމްކޯޓުގެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް އެކޮމިޝަނުން ބަލަން ފަށައިފިއެވެ.
އޭސީސީ އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ ބުދަ ދުވަހުއެވެ. ސަސްޕެންޑް ކުރުމަށް ޖޭއެސްސީގައި ބޭއްވުނު ކުއްލި ބައްދަލުވުމަށް ކޮމިޝަނުގައި ހިމެނޭ ކޯޓުތަކުގެ ފަނޑިޔާރުންނަށް ހާޒިރުވުމަށް ވަގުތު ލިބިވަޑައިގެންފައެއްނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ސްޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދާ ގުޅޭ ގޮތުން ބަލަމުންދާ ސުލޫކީ މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފް ސްޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރު ބަހުން އޭނާއާ ވާހަކަދައްކަވައިފައިވާ ކަމަށް ބުނެ ބަލަމުންދާ މައްސަލައެކެވެ.
ސްޕްރީމްކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލައަކީ އެކަމަނާގެ ފިރިކަލުންގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުއްވި ކަމަށް ބުނެ ބަލަމުންދާ މައްސަލައެކެވެ.
އަދި ސްޕްރީމްކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭގޮތުން ބަލަމުންދާ ސުލޫކީ މައްސަލައަކީ ފަނޑިޔާރަކަށް ބިރުދެއްކުމާ ގުޅޭ މައްސަލައެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ސްޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ބުދަ ދުވަހު ކޯޓުތަކުގެ ޤާނޫނަށް ގެނެވުނު އިސްލާހަކީ ޤާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް އެތައް ވަކީލުން ދަނީ ބުނަމުންނެވެ.