ކ. މާލެ
|
27 ފެބްރުއަރީ 2025 | ބުރާސްފަތި 00:25
ހުޅަނގު އައްސޭރީގައި އޮންނަ ޖެނިންގައި އިސްރާއީލުގެ އަސްކަރީ އުޅަނދެއް ރެއިޑެއްގެ ތެރޭގައި މަގުމަތީގައި ދުއްވަނީ - ފެބްރުއަރީ 24 2025
ހުޅަނގު އައްސޭރީގައި އޮންނަ ޖެނިންގައި އިސްރާއީލުގެ އަސްކަރީ އުޅަނދެއް ރެއިޑެއްގެ ތެރޭގައި މަގުމަތީގައި ދުއްވަނީ - ފެބްރުއަރީ 24 2025
ރޮއިޓަރސް
ވެސްޓް ބޭންކުގެ ހަމަނުޖެހުން
ހުޅަނގު އައްސޭރީގައި ހަނގުރާމައިގެ ނުރައްކާތެރި އަސަރުތައް ފެންނަން ފަށައިފި: އަންރުވާ
ހުޅަނގު އައްސޭރި ވަނީ ހަނގުރާމައިގެ މައިދާނަކަށް ވެފައި ކަމަށާއި މިކަން ނިމުމަކަށް އަންނަން ޖެހޭ ކަަމަށް އަންރުވާގެ ވެރިޔާ ވަނީ ވިދާޅުވެފައި.

ފަލަސްތީނުގެ ހުޅަނގު އައްސޭރި (ވެސްޓް ބޭންކު) ގައި ހަނގުރާމައިގެ ނުރައްކާތެރި އަސަރު ފެންނަން ފަށައިފި ކަމަށް އަންރުވާ އިން ބުނެފިއެވެ.

ޔޫއެން ރެފިއުޖީ އޭޖެންސީ (އަންރުވާ) ގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެފައިވަނީ ވެސްޓް ބޭންކަށް ޣައްޒާ ހަނގުރާމަ ފެތުރެމުންދާ ކަމުގެ ނުރައްކާތެރި އަސަރުތަކެއް ފެންނަމުންދާ ކަމަށެވެ. ޣައްޒާ ހަނގުރާމަ މަޑު ޖެހުމާއެކު އިސްރާއީލުން ވަނީ ވެސްޓް ބޭންކުގައި ޚާއްސަ މިލިޓަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ބުނެފައެވެ. އިޒްރޭލުގެ މިލިޓަރީ އޮޕަރޭޝަން ފެށުނު ފަހުން 50 އަށްވުރެ ގިނަ މީހުން ވެސްޓް ބޭންކުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް، ލަޒިރިނީ ބުދަ ދުވަހު ވިދާޅުވިއެވެ.

"ވެސްޓް ބޭންކް ވަނީ ހަނގުރާމައިގެ މައިދާނަކަށް ވެފައި" ކަމަށް ލަޒަރީނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ވިދާޅުވެފައިވެއެވެ. "މިކަން ނިމުމަކަށް އަންނަންޖެހޭ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

1967 އިން ފެށިގެން ވެސްޓް ބޭންކް އޮތީ އިޒްރޭލުން ހިފާ، އިސްރާއީލުގެ ބާރުގެ ދަށުގައެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުގައި މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި ހިންގި އެންމެ ދިގުލީ އަސްކަރީ އޮޕަރޭޝަނެވެ.

އިސްރާއީލުން ބުނެފައިވަނީ އުތުރު ވެސްޓް ބޭންކުގެ ރެފިއުޖީ ކޭމްޕްތަކުގައި އެމީހުންގެ ސިފައިން ގިނަ މަސްތަކަކަށް ތިބޭނެ ކަމަށެވެ. މި އޮޕަރޭޝަންގެ ސަބަބުން ދެ ހާހަކަށް ފަލަސްޠީނު މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

ލަޒަރީނީ ވިދާޅުވީ، އިސްރާއީލުގެ ސިފައިން ވެސްޓް ބޭންކު ޕަބްލިކް އިންފްރާސްޓްރަކްޗަރ ހަލާކު ކުރުމާއި، މަގުތައް ބުލްޑޯޒަރުތަކުން ހަލާކު ކޮށް ދަތުރު ފަތުރަށް ހުރަސްތައް ކުރިމަތި ކުރުން ވަނީ އާންމުވެފައި ކަމުގައެވެ.

- ކޮމެންޓް