ޣައްޒާގެ ސިއްޙީ އިދާރާތަކުން ހާމަ ކޮށްފައިވާ ގޮތުގައި ފިނި ގަދަވުމުގެ ސަބަބުން އާދިއްތަ ދުވަހުން ފެށިގެން 6 ކުޑަކުދިން ވަނީ ދުނިޔެ ދޫކޮށްފައެވެ.
މި ސަރަޙައްދަށް އެކަށީގެންވާ އެހީތެރިކަން ނުލިބޭނަމަ މިފަދަ މަރުތައް އިތުރުވާނެ ކަމަށް ބުނެ ސިއްޙީ ދާއިރާގެ އިސްވެރިން ވަނީ އިންޒާރު ދީފައެވެ.
ޕޭޝަންޓްސް ފްރެންޑްސް ބެނެވޮލެންޓް ސޮސައިޓީ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު ޑރ. ސަޢީދު ސަލާޙް ވިދާޅުވީ ފިނިގަދަވުމުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވަމުންދާ ނުރައްކާ އިތުރުވަމުންދާ ކަމަށެވެ.
ފާއިތުވި ދެ ހަފްތާގައި އެ ހޮސްޕިޓަލަށް 8 ކުއްޖަކު ފިނީގެ އުނދަގޫވެގެން ގެނެވުނު ކަމަށާއި، އޭގެ ތެރެއިން 3 ކުދިން އައިސީޔޫގައި ފަރުވާދެވުނު ކަމަށާއި، 3 ކުދިން ގެނެވުނުތާ ގަޑިއިރުތަކެއްގެ ތެރޭގައި ނިޔާވި ކަމަށް އޭނާ ވިދާޅުވިއެވެ.
އަންގާރަ ދުވަހު، 69 ދުވަސްވީ ކުއްޖަކު ދުނިޔެ ދޫކޮށްފައިވާ ކަމަށް ޑރ. ސަލާޙް ވިދާޅުވިއެވެ. މީގެ އިތުރުން، ދެކުނުގައި ހުންނަ ނާސިރު ހޮސްޕިޓަލްގައި ދެ ކުއްޖަކު ފިނީގެ ސަބަބުން ނިޔައުވެފައިވާ ކަމަށް އެތަނުގެ ސިއްޙީ އޮފިޝަލުން ނޫސްވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ.
މި ހާލަތު ހައްލުކުރުމަށް އިތުރު ރަޖަޔާއި، ޓެންޓުތަކާއި، ތެޔޮ ބޭނުންވާ ކަމަށް ޑރ. ސަލާޙް ވިދާޅުވިއެވެ. މިފަދަ އެހީތެރިކަން ލިބިއްޖެނަމަ، ކުޑަކުދިން ފިނީގެ ސަބަބުން މަރުވުމުގެ ކާރިސާ ތަކުރާރުނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
2023 އޮކްޓޯބަރު 7 ގައި އިސްރާއީލުން ފެށި ހަނގުރާމައިގެ ސަބަބުން މިހާތަނަށް 48,348 ފަލަސްތީނު މީހުން ޝަހީދުވެ، 111,761 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފައިވެއެވެ.