ކ. މާލެ
|
26 ފެބްރުއަރީ 2025 | ބުދަ 14:49
ރާއްޖެ އެމްވީ ކުއްލި ހަބަރު
ރާއްޖެ އެމްވީ ކުއްލި ހަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން
"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"

ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކުރީ ފަނޑިޔާރުންނާއި މެދު ޚިޔާނާތުގެ މައްސަލަ އެއް ބަލަމުންދާތީ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީން އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދުއާ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި ކޮމިޝަނަށް ސިޓީއަކުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން "ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަޙްޤީޤުކުރަން ފަށައިފިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ އިދާރާއަކުން އަންގައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ފަނޑިޔާރެއް މަޤާމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރުމާމެދު ޢަމަލުކުރާނެ ގޮތެއް 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ކޮމިޝަނުން ނިންމަންވާނެ" ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އެ މާއްދާއަށް ރިޢާޔަތްކޮށް އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ބުދަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މި އަހަރުގެ 04 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެންސީން ވަނީ ބުނެފައެވެ.

މި ތިން ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމި އިރު މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލައިގައި މެންބަރުން ވަކިނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުގެ މައްސަލައިގެ އަޑުއެހުމަށް ވަކީލުން ތިބީ ކޯޓަށް ހާޒިރުވެކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި އަޑު އެހުން ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރުމުން އެކަމާއި މެދު ޖޭއެސްސީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

- ކޮމެންޓް