ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފައި ނުވާ ކަމަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ހިންގަމުން ދަނީ ރާއްޖޭގެ ސަރުކާރު ހިއްސާ އޮންނަ ކުންފުނިތައް ހިންގަމުންދާ އުސޫލު ކަމަށް ގާނޫނީ ވަކީލު މުސްތަފާ އާމިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވަކީލު މުސްތަފާ ވިދާޅުވީ ޖެއެސްސީ އަކީ ސަރުކާރުގެ ނުފޫޒު ނެތްތަނެއް ކަމަށް މި ސަރުކާރުގެ ބޭފުޅުން ވިދާޅުވެފައިވާތީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ހަގީގަތް އޮޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.
ނަމަވެސް މި ސަރުކާރާއެކު، މިހާރު ޖޭއެސްސީ ހިންގަމުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަމުންދާ އުސޫލުން ކަމަށާއި، އެއްވެސް ތަފާތެއް ނެތް ކަމަށް މުސްތަފާ ވިދާޅުވި އެވެ. އެޗްޑީސީއަށް އިޝާރާތް ކުރައްވައި މުސްތަފާ ވިދާޅުވީ އެ ކޯޕްރޭޝަން އާ ބެހޭ ބޮޑު ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވުމާއެކު މައްސަލަ ތަހުގީގު ކުރާކަން ހާމަކޮށް، މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި ފަޒުލް ރަޝީދު މަގާމުން ދުރުކޮށް، މައްސަލަ ހިންދާލީ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވާ ކޮންމެ ފަހަރެއްގައި އެ ކުންފުންޏެއްގައި ހުންނަ އެމްޑީ ދުރުކޮށް އެހެން ދިމާލަކުން އެ ފެންވަރުގެ މަގާމެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މުސްތަފާ ވިދާޅުވީ ސަރުކާރުން ގައުމުގެ ފުލް ކޮންޓްރޯލް ބޭނުންވި ނަމަވެސް ޝަރުއީ ދާއިރާއަކީ މިނިވަންތަނެއްގެ ގޮތުގައި ދައްކަން ބޭނުންވާ ކަމަށެވެ. ނަމަވެސް ކުންފުނިތައް ހިންގާ އުސޫލުން ޖޭއެސްސީ ހިންގާއިރު، އެފަދަ މިނިވަންކަމެއް ރައްޔިތުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި ދިގު ތާރީހުގައި ވެސް މިހައި ބޮޑަށް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފައިނުވާ ކަމަށެވެ.
މި ބުނަނީ ޝަރުއީ ނިޒާމު މިނިވަން ވެއްޖޭ އެނގޭތޯ. އަޅުގަނޑުމެން އަޑު އަހަން ބައެއް ފަހަރު މި ބަނީ އިސްރާއީލު ބާގާގެ މީހުން މޫސާގެ ފާނާއެކު މިސްރުން ނުކުންނާށޭ ބުނީމަ އެމީހުން ނުކުމެގެން އެމީހުން މިނިވަންކަން ހޯދަން ވެގެން ނުކުމެގެން ދިޔައިރު އެމީހުން ބުނި ކަމަށް ވަނީ ތިމަންނަމެން އަސްލު މާ ރަނގަޅޭ ގެރިމަހުގެ ތެލިތައް ލިބެންޏާ. އެ މިނިވަން ކަމަށްވުރެ އެނގޭތޯ. މިހާރު މި ހަދާ ގޮތަކީ ޖުޑިޝަރީ އަށް މިދެނީ ބަޖެޓެއް. ދީފައި ރައްޔިތުންގެ ގާތުގައި މި ބުނަނީ ޖުޑިޝަރީ މިނިވަން ވެއްޖޭ..... މިސާލަކަށް އާޒިމާ ޝަކޫރުގެ މައްސަލަ އެ ނިމުނީ. އެއާއެކު ދިވެހިރާއްޖޭގެ ޑްރަގު ވަރަށް ބޮޑެތި މައްސަލަތަކެއް ރާއްޖެއިން ބޭރުން ޑްރަގް އެތެރެ ކޮށްފައި ހުރި މައްސަލަތަކެއް އެހުރިހާ މައްސަލަތަކެއް ވެސް ނެގެމުން މިދިޔައީ.
ގާނޫނީ ވަކީލު މުސްތަފާ އާމިރު![]()
މުސްތަފާ ވިދާޅުވީ ޝަރުއީ ދާއިރާ މިނިވަންކޮށް، ވާނުވާ ބަންދު ވެސް ނިމުމަކަށް ގެންނާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް މި ވާނުވާ ބަންދަށް ވީ ގޮތް ނޭނގޭ ކަމަށާއި، މިހާރު ޝަރުއީ ދާއިރާ އޮތީ ވާނުވާގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރާއްޖޭގައި އިންސާފާއި އަދުލްވެރިކަން އޮތް ކަމަށް 75 އިންސައްތަ ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އަނިޔާ އެއް ލިބުނަސް އިންސާފު ލިބޭނެ ކަމަށް ރައްޔިތުން ގަބޫލު ނުކުރާ ކަމުގައެވެ.