ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީ އަށް އެ ކަންތައްތައް ހުށަހެޅުއްވުމުން، އެ ކަންބޮޑުވުންތައް ކޮމިޓީން ބޮލާލާ ޖަހައިފިއެވެ.
ކައުންސެލް ޖެނެރަލްގެ ކަންބޮޑުވުންތައް ހުށަހެޅުއްވުމުން ރޭގެ 10:30 ށް ކޮމިޓީގެ ބައްދަލުވުމަކަށް ވަނީ ކިޔާފައެވެ. އެހެން ނަމަވެސް ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ކޮމިޓީގެ ރިޕޯޓު އޮތް ގޮތައް ބޭއްވުމަށް ސަރުކާރުގެ އަޣުލަބިއްޔަތު އޮތް ޖޫޑިޝިއަރީ ކޮމިޓީން ވަނީ ނިންމާފައެވެ.
ޖޫޑިޝިއަރީ ކޮމިޓީގެ ރިޕޯޓު ބުދަ ދުވަހުގެ ޖަލްސާ އަށް ހުށަހެޅުމަށް މަޖިލިހުގެ އެޖެންޑާ ގައި ހިމަނާފައިވާއިރު، ރިޕޯޓުގައި ބިލު ދިރާސާ ކުރި ގޮތް ކަމަށް ބުނެފައިވަނީ، މި ބިލު ކޮމިޓީ އަށް ފޮނުއްވުމާ ގުޅިގެން، 25 ފެބްރުއަރީ 2025 ގައި ބޭއްވި މި އަހަރުގެ ހަތަރުވަނަ ބައްދަލު ވުމުގައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށްފައިވާނެ ކަމަށާއި، މި ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތް ނިންމާނެ ސުންގަޑި އަކީ 25 ފެބްރުއަރީ 2025 ގައި ކަމުގައި ކޮމިޓީން ނިންމި ކަމަށެވެ.
މި ބިލާ ބެހޭ ގޮތުން ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންތަކެއްގެ ކަންބޮޑުވުން ފާޅުކޮށް އެ ކަންބޮޑުންތައް ކޮމިޓީ އަށް ހުށަހެޅުއްވި ކަމަށް ރިޕޯޓުގައި ވެއެވެ.
އަދި ކޮމިޓީން ބިލު ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 106 ވަނަ މާއްދާ ގެ (ޅ) ގައި ވާ ގޮތުގެ މަތިން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ގާނޫނީ ލަފާ ހޯދުމަށް ފޮނުވި ކަމަށާއި އެ ގޮތުން ކައުންސެލް ޖެނެރަލްގެ ލަފާ ލިބުމާ ގުޅިގެން ފެބްރުއަރީ 25 ގައި ބޭއްވި ކޮމިޓީގެ ފަސްވަނަ ބައްދަލުވުމުގައި އެ ލަފަޔާމެދު އަމަލު ކުރާނެ ގޮތަކާ މެދު ކޮމިޓީގެ މެމްބަރުން މަޝްވަރާ ކުރުމަށްފަހު ކުރިން 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ ފުރަތަމަ އިސްލާހު ވެސް މިފަދައިން ފާސްކޮށް ތަންފީޒު ކޮށްފައިވާތީ، ބިލަށް އެއްވެސް އިސްލާހެއް ގެންނަން ނުފެންނަ ކަމަށް ނިންމާ ބިލު ކޮމިޓީން ފާސް ކޮށް ނިންމާފައިވާ ގޮތައް މަޖިލީހަށް ފޮނުވުމަށް ކޮމިޓީން ނިންމީ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ބިލުގެ ދިރާސާ މަރުހަލާ ގައި ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށްފައެއް ނުވެއެވެ. އަދި އާންމުގެ ޚިޔާލަށްވެސް ހުޅުވާލާފައެއް ނުވެއެވެ.
ބިލުގެ މަސައްކަތް ފުރިހަމަ ކުރީ ކަމަށް ނިންމި އިރު ކޮމިޓީއަށް ހުށަހެޅި ވަކީލުންގެ ކަންބޮޑުވުންތަކެއް ވެސް އަދި ކައުންސެލް ޖެނެރަލްގެ އެއްވެސް ކަންބޮޑުވުމެއްވުމަކަށް ވެސް ބަލާފައެއް ނުވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖޫޑިޝިއަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ 11 މެމްބަރުންނެވެ. ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ 2 މެމްބަރުން ފިޔަވާ މުޅިންވެސް ތިއްބަވަނީ ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެމްބަރުންނެވެ. ކޮމިޓީގެ މުގައްރިރަކަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ހުންނަވާ އިރު ކޮމިޓީގެ ނައިބު މުގައްރިރަކީ ތުލުސްދޫ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް އެވެ.