ރާއްޖެ އިން ބަންގްލަދޭޝް އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރ ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރ ޕްރޮފެސަރ މުޙައްމަދު ޔޫނުސް އާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި ކަމަށް ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފިއެވެ.
ޑާކާގައި ހުންނަ ސްޓޭޓް ގެސްޓް ހައުސް ޖަމުނާގައި އަންގާރަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި، ރާއްޖޭގައި ގަވައިދާ ޚިލާފަށް ދިރިއުޅޭ ޑޮކިއުމެންޓް ނެތް ބަންގްލަދޭޝް މަސައްކަތްތެރިން ގަވައިދަށް ފައްތާ އިތުރު މަސައްކަތްތެރިން ގެނައުމަށް ޗީފް އެޑްވައިޒަރ ވަނީ އެދިވަޑައިގަނެފަ އެވެ.
ހައި ކޮމިޝަނަރ ފާހަގަކުރެއްވި ގޮތުގައި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ފަހަކަށް އައިސް ވަނީ ފުޅާވެފައެވެ. ބަންގްލަދޭޝް އިން ރާއްޖެ އަށް ބޭސް އެތެރެކުރުން އިތުރުވެ، ބަންގްލަދޭޝްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރާ މިންވަރު 17.5 އިންސައްތަ އިތުރުވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ގިނަ ދަރިވަރުން ބަންގްލަދޭޝްގައި ކިޔަވަމުންދާކަން ފާހަގަކޮށް ޕްރޮފެސަރ ޔޫނުސް ވިދާޅުވީ އިތުރު ދަރިވަރުންނަށް މަރުހަބާ ކިޔުމަށް ބަންގްލަދޭޝް ތައްޔާރަށް އޮތް ކަމަށެވެ.