ކ. މާލެ
|
25 ފެބްރުއަރީ 2025 | އަންގާރަ 12:57
ޤުދުސްގެ އަލްއަޤްސާ މިސްކިތް ކައިރީގައި އިސްރާއީލުގެ ސިފައިން ހަރަކާތްތެރި ވަނީ
ޤުދުސްގެ އަލްއަޤްސާ މިސްކިތް ކައިރީގައި އިސްރާއީލުގެ ސިފައިން ހަރަކާތްތެރި ވަނީ
ރޮއިޓަރސް
ފަލަސްތީނު-އިސްރާއީލު ހަމަނުޖެހުން
ރަމަޟާން މަހު މަސްޖިދުލް އަޤްޞާ އަށް ވަނުމުގައި އިތުރު ދަތިތައް އިސްރާއީލުން ކުރިމަތި ކުރުވަނީ
އިސްރާއީލުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ ތެރޭގައި ވަކި ބަޔަކަށް މިސްކިތައް ނުވަދޭ ގޮތް ހެދުމާއި، ވަކި އުމުރެއްގެ ބަޔަކަށްވެސް ނުވަދެވޭ ގޮތް ހެދުން ހިމެނޭ

ރަމަޟާން މަހާ ދިމާކޮށް މަސްޖިދުލް އަޤްޞާއަށް ވަނުމަށް އިތުރު ދަތިތައް ކުރިމަތި ކުރުވަން އިސްރާއީލުން ވިސްނަމުން ދާ ކަމަށް އިސްރާއީލުގެ މީޑިއާއިން ހޯމަ ދުވަހު ރިޕޯޓުކޮށްފިއެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓަރ ކަން ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލެވުނު ފަލަސްތީނު މީހުން މިސްކިތަށް ވަނުން މަނާކުރެވޭނެއެވެ. މީގެ އިތުރުން މިސްކިތަށް ވާސިލުވާ ޗެކްޕޮއިންޓްތަކުގައި 3،000 ފުލުހުން ބޭތިއްބުމަށް ވަނީ ނިންމާފައެވެ.

55 އަހަރުން މަތީގެ ފިރިހެނުންނާއި، 50 އަހަރުން މަތީގެ އަންހެނުންނާއި، 12 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭ މަދު އަދަދެއްގެ ބަޔަކަށް ރަމަޟާން މަހު މިސްކިތަށް ވަދެވޭނެއެވެ. ހުކުރު ނަމާދަށް ވަދެވޭނީ 10،000 މީހުންނަށެވެ. އަދި ނަމާދަށް ވަންނަން ބޭނުންވާ ފަރާތްތަކުން ކުރިއާލާ ހުއްދައަށް އެދެންޖެހޭނެއެވެ.

އިސްރާއީލުގެ ޗެނަލް 12 ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ސަރަޙައްދުގެ ސަލާމަތީ ރޭވުންތަކާ ގުޅޭގޮތުން އިސްރާއީލުގެ ޑިފެންސް މިނިސްޓްރީއާއި، ޝިން ބެޓް އިންޓެލިޖެންސް އޭޖެންސީ އާއި، ސިފައިންނާއި، ފުލުހުންނާއި، ޖަލު އޮތޯރިޓީއާ އެކު ގިނަ މަޝްވަރާތަކެއް ވަނީ ބޭއްވިފައެވެ.

މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ތިންވަނަ އަށް އެންމެ މުޤައްދަސް ތަނެވެ. ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ދިމާ ކޮށް މަސްޖިދުލް އަޤްޞާ އަށް އަޅުކަން ކުރަން ވަންނަ ފަރާތްތަކަށް ފިއްތުންތައް ކުރިމަތި ކޮށް ހަމަ ނުޖެހުންތައް ހިންގުމަކީ އިސްރާއީލުން ކުރަމުން އަންނަ ކަމެކެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު މިސްކިތުގައި ހިންގާ ރެއިޑްތަކުގެ ސަބަބުން ގިނަ ފަހަރު ހަމަނުޖެހުންތައް ހިނގާފައިވެއެވެ.

- ކޮމެންޓް