ދ. ކުޑަހުވަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލައަށް އުންމީދީ ހައްލުތަކެއް ގެނެސްދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒު ވަނީ، ކުޑަހުވަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލައަށްވެސް އުންމީދީ ހައްލުތަކެއް ގެނެސްދެއްވާނެ ކަމުގައި އިޝާރާތްކުރައްވާފައެވެ.
އެގޮތުން ރަށުގެ އެކި ހިސާބުތަކުން އާންމުންނަށް ލިބިފައިވާ ގޯތިތަކުގައި ގެދޮރު އެޅުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާއިރު، ކުޑަހުވަދޫގައި ހިންގަން ކަނޑައަޅުއްވާފައިވާ 500 ހައުސިންގް ޔުނިޓް މަޝްރޫއުގެ ތެރެއިން، ރައްޔިތުންގެ އަމިއްލަ ގޯތީގައި 3 ކޮޓަރީގެ ގެއެއް އަޅައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައްވާނެ ކަމަށާ، ފްލެޓް އެޅިގެންދާނީ އަމިއްލަ ގޯތީގައި ގެ އަޅާން އެދޭ ވަކި މިންވަރެއް ހަމަވުމަށް ފަހު ބާކީ އޮތް އަދަދަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކުޑަހުވަދޫއަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގައި ލާމަސީލު، ކާމިޔާބީތަކެއް ހޯދާފައިވާ ރަށެއް ކަމުގައި ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. ނަމަވެސް، އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގައި ކުދިކުދި މައްސަލަތަކެއް ފާހަގަކުރެއްވޭ ކަމަށާ، އެކަންކަމަށްވެސް ދާއިމީ އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ނުވަތަ ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާތީ އެ މަޝްރޫއަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ ކުޑަހުވަދޫ ވިޔަފާރި ބަނދަރުގެ މަޝްރޫއަކީ ސަރަހައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ، މަޢުޤޫލު މަޝްރޫއެއް ކަމުގައި ސިފަ ކުރައްވާފައިއެވެ. ސޮއި ކުރެވުނު އެއްބަސްވުމާއެކު ދެންވެސް ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދެވި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ބަނދަރެއްގެ ގޮތުގައި މި ވިޔަފާރި ބަނދަރު، މި ދައުރުގެ ތެރޭގައި ހައްދަވައި، ރައްޔިތުންނަށް ދައްކަވައި ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން ވެސް ކުޑަހުވަދޫގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ރައްޔިތުންނާ ގާތަށް ބޭންކުގެ ޚިދުމަތްތައް ގެންދެވުމުގެ ސިޔާސަތު ހަގީގަތަކަށް ހެއްދެވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ސަރުކާރަށް ލިބެމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަހުވަދޫއިން ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ
ކުޑަހުވަދޫގެ އުމްރާނީ ތަރައްގީއަށް އަލިއަޅުވައިލައްވާ ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބަނދަރުގެ މަޝްރޫއަކީ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށާއި، ބަނދަރުގެ ޖާގަ ބޮޑުވެގެން ދިއުމަކީ މަސްވެރިންނާއި ވިޔަފާރިވެރިންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް މުހިންމު، ދެކޮޅުޖެހެނިވި މަޝްރޫއެއް ކަމަށެވެ. އަދި މިމަސައްކަތުގެ އަމަލީ މަސައްކަތް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން ކުޑަހުވަދޫއަކީ ރާއްޖޭގެ 7 ސަރަހައްދެއްގައި ތަރައްގީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން އެއް މަރުކަޒަށް ވާއިރު، ރަށުގެ ކުނި މެނޭޖު ކުރުމުގެ ޚިދުމަތްތައް، މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން، ވެމްކޯއިން ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތައުލީމާއި ކުޅިވަރުގެ ރޮނގުންވެސް ކުޑަހުވަދޫގެ ތަރައްގީއަށްޓަކައި ކުރަން ހުރި ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތްތައް މި އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. މިކަންކަން ފެށިގެން ދިއުމާއެކު، ކުޑަހުވަދޫއަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަވެގެން ދިޔައީ ކަމަށާ، ނަމަވެސް ވައުދުފުޅުތަކުގެ އިތުރުންވެސް، އަރބަން ސެންޓަރެއްގެ ގޮތުގައި ރަށުގެ ތަރައްގީއަށް ބޭނުންވާ އެހެން ކަންކަންވެސް ކޮށްދެއްވާނެ ކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ހޮސްޕިޓަލު މަޝްރޫއަކީވެސް އެފަދަ މަޝްރޫއެއް ކަމުގައި ވިދާޅުވިއެވެ.