ހދ. ނައިވާދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި، ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ވެސް ޖެންސެޓެއް ގެނައުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ނައިވާދޫއަށް ވަޑައިގަންނަވައި، އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ ވައުދުގައި ހިމެނޭ އެރަށުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި، ޚާއްސަ އިސްކަމެއްދީގެން މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިމަޝްރޫއުގެ ސަބަބުން އިގްތިސާދީ ގޮތުން ވެސް ރަށަށް ފައިދާތައް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިވާދޫގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ލަސްވެފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މިމަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން ސްކޫލު ހޯލުގެ މަސައްކަތް އަވަސް ކުރާނެ ކަމަށާއި، ޒުވާނުންގެ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްގީ ކުރާނެ ކަމަށާއި، 80 އިންސައްތަ މަސައްކަތް ނިމިފައި އޮތް ފެނާއި، ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް އަވަސް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެރަށުގެ ސިއްހީ ސިއްހީ މަރުކަޒު ޖާގަ ބޮޑު ކުރުމުގެ މަޝްރޫއާއި، މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ބޭނުންވާ އެމްބިއުލާންސް ވަރަށް އަވަހަށް ފޮނުވައިދޭނެ ކަމަށް ވިދާޅުވިއެވެ.
ރަށުގެ ތަރައްގީއަށް ކުރަންހުރި ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ކަރަންޓުގެ މައްސަލަ ވެސް ހައްލު ކުރުމަށް ޖެންސެންޓެއް ގެނައުމުގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
ލޯކަލް ޓޫރިޒަމަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދޭނެ ކަމަށެވެ. އަދި ވިދާޅުވީ ނައިވާދޫގެ އިހުތިސާސްގައި ހިމެނޭ ފަޅު ދެރަށުން އިގްތިސާދީ ފައިދާ ލިބޭގޮތަށް ހަމަޖައްސައިދޭނެ ކަމަށެވެ.
އެހެންވީމަ ޖުމްލަކޮށް އަޅިގަނޑު މިދަންނަވާލި ކަންކަމާއި، އޭގެ އިތުރުން ވެސް ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ވަރަށް ގިނަ ކަންކަން އެބަހުރި. ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ޖެންސެޓެއް ގެނައުމުގެ ކަންކަން މިހާރު އެދަނީ ވަރަށް ބާރަށް ކުރިއަށް. އެހެންވީމަ މިކަހަލަ ގިނަ ކަންތައްތަކެއް ނައިވާދޫގައި ތަރައްގީއަށްޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައި މިވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
ރައީސް މުއިއްޒު، ނައިވާދޫގެ ތަރައްގީއާ ގުޅޭގޮތުން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު 26 ފެބުރުވަރީ 2024 ގައި ވެސް އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ކަންބޮޑުންތަކަށް ވެސް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރި ނަމަވެސް ހޯމަ ދުވަހާ ހަމައަށް އެއްވެސް މަޝްރޫއެއް ކުރިއަށް ގެންގޮސްފައިނުވެއެވެ.