ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވި ނަސޭހަތްފުޅު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެމަނިކުފާނަށް ހަނދާންކޮށްދެއްވައިފިއެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ހުށަހެޅުއްވި ކުއްލި މައްސަލަ ފާހަގަކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މުސާރަ ކުޑަކުރެވޭ ދާއިރާތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ ހިމެނޭ ކަމަށެވެ.
މިވަގުތު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި ރައްޔިތުންގެ މަޖިލީހާ ގުޅުންހުރި މުހިންމު ދުސްތޫރީ މައްސަލައެއް އޮތް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕާޓިއަށް ނިސްބަތްވާ މެންބަރަކު މެދުވެރިކޮށް މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށާއި، އަދި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ސީދާ ގޮތުން ނުފޫޒު ފޯރުވާ ކަމަށް މެމްބަރު މީކާއިލް ވިދާޅުވިއެވެ.
މި ހިސާބަށް މެމްބަރު މީކާއިލް ވާހަކަ ކުރިއަށް ގެންދެވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މެމްބަރު މީކާއިލްގެ ވާހަކަ ދެއްކެވުން ހުއްޓުވާފައެވެ. އަދި ވިދާޅުވީ ކުރިމަތީގައި އޮތީ އިގްތިސާދީ ކޮމެޓީގެ ރިޕޯޓެއް ކަމަށާއި، ކުރިއަށް ދަނީ އެރިޕޯޓުގެ ބަހުސް ކުރެއްވުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން އެރިޕޯޓަށް ވާހަކަ ދެއްކެވުމަށް ނަސޭހަތްތެރިވިއެވެ. އަދި އެހެން ނިޔަތެއް އޮތް ކަމަށްވާނަމަ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެރިޕޯޓު ބޭނުން ކުރައްވައިގެން މިއަދު އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލަ މިތަނަށް ހުށަހެޅުއްވުމުގެ ނިޔަތް ގެންގުޅުއްވާ ކަމަށްވަންޏާ އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. ކުރިމަތީގައި އޮތް ރިޕޯޓަށް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު އަރުވަން.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ![]()
މިހެން އަބްދުއްރަހީމް ވިދާޅުވުމުން މެންބަރު މީކާއިލް ވަނީ އަބްދުއްރަހީމް ދެއްވި ނަސޭހަތްފުޅު ހަނދާކޮށް ދެއްވާފައެވެ. އަދި ވިދާޅުވީ މަޖިލީހުގެ ރައީސްއަށް ވެސް އެހެން މީހެއްގެ ނިޔަތް ނޭނގޭނެ ކަމަށެވެ.
އިއްޒަތްތެރި ރައީސްގެ ނަސޭހަތްފުޅެއް. ނިޔަތް އެނގޭނީ އެމީހަކަށް ކަމަށް. އެހެންވީމަ އިއްޒަތްތެރި ރައީސްއަށް ވެސް ހަމަ އަޅުގަނޑުގެ ނިޔަތް ނޭނގޭނެކަން ފާހަގަކޮށްލަން. އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގެ ޖުޑިޝަރީއާއި ގުޅުންހުރި ދިވެހިރާއްޖޭގެ ޖުޑީޝަރީގެ މުސާރައާއި އިނާއަތްތަކާއި ގުޅުންހުރި ރިޕޯޓެއްގައި އެބޭފުޅުންގެ އަސާސީ ފަންގްޝަނާއި ގުޅުންހުރި ވާހަކައެއް ނުދެއްކޭނެ ކަމަށް އެއީ ކޮން ހުއްޖަތެއްތޯ އަޅުގަނޑު ހަމަ ސުވާލު ކޮށްލަން ބޭނުން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް![]()
މެމްބަރު މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމްކޯޓުގެ ބާރު ކަނޑުވާލައި، އެކޯޓުގެ ދެ ފަނޑިޔާރެއް ވަކި ކުރަން މަޖިލީހަށް ބިލެއް ހުށަހެޅިގެންދާއިރު، އެވާހަކަތައް ދައްކާނެ ކަމަށެވެ. މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ހާލުކޮޅު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ބަޑިއެއް ބޭއްދުމުން މަސައްކަތް ކުރާ އުސޫލުން އަބްދުއްރަހީމް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މެންބަރު މީކާއިލް ވިދާޅުވީ އަބްދުއްރަހީމްގެ ދަރިފުޅު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިބްރާހިމް ފައިސަލް މަގާމުން ދުރުކުރައްވައި، އާއިލީ ބޭފުޅުންނާއި، އަބްދުއްރަހީމް މެދުވެރިކޮށް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން ދުރުކުރަމުންދާ ކަމަށެވެ. ނަމަވެސް އަބްދުއްރަހީމް ވަނީ މެމްބަރު މީކާއިލްގެ ވާހަކަތައް ހުއްޓުވައި، އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މިނިވަންކަމާއެކު ކަމަށާއި، ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަން ނުޖެހޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ސިއްހީ، ދިރިއުޅުމުގެ އެއްވެސް ހާލަތެއް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ މުތުލަގަށް ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެނެސް ގާނޫނުތައް ހަދައި، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮންނަ މަޖިލީހެއް ކަމަށެވެ. އެ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ އެއީ މަޖިލިސް ހަތިޔާރަކަށް ހެދުން ނޫން ކަމަށާއި، އެގޮތަށް ތުހުމަތުތައް ނުކުރެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.