ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 21:06
މަސްއޫލިއްޔަތުތަކުން އެކަހެރިކުރި، އިންސްޕެކްޓަރ އަހުމަދު އަނީސް
މަސްއޫލިއްޔަތުތަކުން އެކަހެރިކުރި، އިންސްޕެކްޓަރ އަހުމަދު އަނީސް
ރާއްޖެއެމްވީ
ޕޮލްކޯ
ތަހުގީގަށް އެއްބާރުލުން ދޭ ކަމަށް ބުނެ، ޕޮލްކޯ ހިންގެވުމާއި ހަވާލުވެ ހުންނެވި އަނީސް އެ މަގާމުން ދުރުކޮށްފި
ޕޮލްކޯގެ ހިންގެވުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޖެނަރަލް ސެކެޓްރީ މަގާމުގައި ހުންނެވި އިބްރާހިމް ޚަލީލް އަށް
އިބްރާހިމް ހަލީލު 2020 ވަނަ އަހަރު ވަނީ ޖެނަރަލް ސެކެޓްރީ މަގާމަށް ބަދަލު ކުރައްވާފައި
ފުލުހުންގެ ވެސް ސަރުކާރުގެ ވެސް ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

ތަހުގީގަށް އެއްބާރުލުން ދޭ ކަމަށް ބުނެ، ފުލުހުންގެ ވެލްފެއަރ ކުންފުނި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ހިންގެވުމާއި ހަވާލުވެ ހުންނެވި ޗީފް އެގްޒެކެޓިވް އޮފިސަރ އަހުމަދު އަނީސް އެ މަގާމުން ދުރުކޮށްފިއެވެ.

ޕޮލްކޯ ހިންގެވުމާއި ހަވާލުވެ ހުންނެވީ އިންސްޕެކްޓަރ އަހުމަދު އަނީސްއެވެ. އޭނާ ވަނީ އެމަސައްކަތުން އެކަހެރިކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ އަނީސް އެމަގާމުން ދުރުކޮށްފައިވަނީ ޕޮލްކޯގެ ހިޔާނާތުގެ ގިނަ މައްސަލަތައް ފެންމަތިވެ، އެމައްސަލަތައް ތަހުގީގު ކުރަމުންދާތީ ކަމަށާއި، އެ ތަހުގީގުތަކަށް އެއްބާރުލުން ދެމުންދާ ކަމަށް ބުނެ އިންޒާރުތަކެއް ދިނުމަށްފަހު ކަމަށެވެ. އެ އިންޒާރު ފުލުހުންގެ އިސް ސަފުގެ ބޭފުޅުންގެ ފަރާތުންނާއި، ސަރުކާރުގެ ފަރާތުން ލިބިފައިވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އަނީސް އެމަގާމުން ދުރުކުރުމަށްފަހު، ޕޮލްކޯގެ ހިންގެވުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޕޮލްކޯއިން ހިންގާފައިވާ ކަމަށް ބުނެ މިހާރު ފެންމަތިވެފައިވާ ގިނަ ހިޔާނާތުގެ މައްސަލަތައް ހިންގާފައިވާ ދުވަސްވަރު ލީގަލް އެފެއާޒްގެ މަގާމުގައި ހުންނެވި އިބްރާހިމް ހަލީލްއާއެވެ. އަދި 2020 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ ޖެނަރަލް ސެކެޓްރީ މަގާމަށް ބަދަލު ކުރައްވާފައެވެ.

ޕޮލްކޯގެ ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތައް ފެންމަތިވަމުންދާއިރު، ޕޮލްކޯއާއި ހަވާލުކޮށްގެން 'ބުލޫސް ހައުސިން މަޝްރޫއުގެ ނަމުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ގެނައި ގިނަ އަދަދެއްގެ ވެހިކަލްތައް ގެއްލިފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިމަޝްރޫއާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިމަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރު ކަމަށެވެ. އެހެންކަމުން މި މަޝްރޫއު އަށް ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މިފަދަ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށާއި، އެ މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލާގައި ބަހެއް ހޯދުމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަށް ގުޅި ނަމަވެސް ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

- ކޮމެންޓް