ޒަކިއްޔާ މަރުވީ އަމިއްލަ އަށް ކަމަށް ޤަބޫލު ނުކުރާ ކަމަށް ނ.ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުހައްމަދު އާއި އެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ހެނދުނު ކައުންސިލް ކައިރި އަށް އެއްވެ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ އަޑު އުފުލާފައެވެ. އާއްމުންގެ ޑިމާންޑަކަށް ވީ ކައުންސިލްެގެ ރައީސާއި ބައްދަލުކުރުމެވެ.
ރައްޔިތުން ކައުންސިލް ކައިރިއަށް އެއްވެ ކައުންސިލް ރައީސްގެ ބަހެއް ހޯދަން އެދުމުން ނުކުމެ އޭނާ ވަނީ އާއްމުންނާއި ވާހަކަދައްކާފައެވެ. އާއްމުން ވަނީ މި މައްސަލައިގައި ކައުންސިލުން ކުރަނީ ކޮން މަސައްކަތެއްތޯ ސުވާލުކޮށްފައެވެ. އަދި ޒަކިއްޔާގެ މަރާއި ގުޅިގެން ގިނަ ސުވާލުތަކެއް އޭނާ އާއި ވަނީ ކުރިމަތިކުރުވާފައެވެ.
ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި މި އެއްވުމުގައި ޒަކިއްޔާއަށް އިންސާފު ހޯދާއިދިނުމަށާއި، ތަހުގީގުގައި ހުރި ގިނަ ކަންބޮޑުވުންތައް އާއްމުން ވަނީ ބުނެފައެވެ. ރިޟްވާން ވަނީ ކައުންސިލަށް ކުރެވެން ހުރި ކަންކަން އެ ކައުންސިލުން ކުރަމުންދާ ކަމަށެވެ. އަދި މިނިސްޓްރީތަކާ އިދާރާތަކުގެ އެންމެ އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ދޭހަވާ މޭރުމަކުން އޭނާ ވަނީ ވާހަކަދައްކަވާފައެވެ.
އަޅުގަނޑުމެން ވާނީ މި މައުލޫމާތު ފޮނުވާފަ. ދެން އަޅުގަނޑުމެންގެ އަތުގަ އޮންނަ ބާރެއް ނޫން އެއީ މިނިސްޓްރީ އަކުން ވިޔަސް އެހެން ތަނަކަށް ވިޔަސް މިތަނަށް ބަޔަކު ގެނައުމަކީ. އަޅުގަނޑުމެންނަކަށް ނުގެވޭނެ.
ނ.ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުހައްމަދު![]()
ކައުންސިލް ރައީސްގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް ވެސް ވަނީ އާއްމުންގެ ސުވާލުތަކާއި ކުރިމަތިލާފައެވެ. އާއްމުން ވަނީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީ އާއި އުނދަނގޫ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން މި މައްސަލައިގައި ކަންކަން ފޮރުވަން އޭނާ މަސައްކަތް ކުރިތޯ އާއްމުން ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބުދެމުން ފުލުހުންނަށް ދޭން ހުރި އެއްވެސް މައުލޫމާތެއް ހިފަހައްޓާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޒަކިއްޔާގެ މަރުގެ ހާދިސާ ހިނގި ތަން ނުވަތަ ސީން ރޫޅާ ނުލާ ނުބޭއްވުނީ އޭނާގެ އިހުމާލުން ކަމަށް ތުހުމަތުކޮށް އާއްމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި މައްސަލައިގެ ހެކި ނައްތާލުމުގައި ކައުންސިލްގެ ނައިބު ރައީސްގެ ބައިވެރިވުން އޮތް ކަމަށް އާއްމުން އައީ ތުހުމަތުކުރަމުންނެވެ.
އާއްމުން ވަނީ މިހާ ދުވަސް ވެގެން ދިޔަ އިރު ވެސް މިކަމާއި މެދު ކައުންސިލުން މައުލޫމާތު ދީފައި ނުވާ ސަބަބާއި މެދު ސުވާލުކޮށްފައެވެ. ކައުންސިލްގެ ނައިބު ރައީސް ވަނީ އެކަމާއި މެދު ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ދޭން ޖެހޭ މައުލޫމާތުތައް ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޒަކިއްޔާ އަމިއްލަ އަށް މަރުވެދާނެ ކަމަށް ޤަބޫލުނުކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ އިދާރާއަކުން އެހެން ގޮތަކަށް ނުބުނާހާ ހިނދަކު އޭނާ އަމިއްލަ އަށް މަރުވި ކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ. އެއީ އަޅުގަނޑު ކުރިން ވެސް ދެންނެވި ގޮތް.
ނ.ހޮޅުދޫ ކައުންސިލްގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލީ![]()
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ 12 ސެޕްޓެންބަރު 2024 ގައެވެ.