ކ. މާލެ
|
23 ފެބްރުއަރީ 2025 | އާދީއްތަ 13:55
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ސަން އޮންލައިން
ނުރައްކާތެރި އެކްސިޑެންޓްތައް
މާލެ އަދި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް: އައްޑޫއިން އަނިޔާވި ޒުވާނާ އޮތީ ވެންޓިލޭޓަރުގައި
އައްޑޫ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރުގެ މުހައްމަދު އިލްމަށް
މާލޭގައި ހިނގި އެކްސިޑެންޓުގައި ކާރުގެ އިތުރުން 6 ސައިކަލަކަށް ގެއްލުން ލިބިފައިވޭ
މި ދެ އެކްސިޑެންޓު ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

އައްޑޫސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ސިރިއަސް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރުގެ މުހައްމަދު އިލްމަށެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:30 ހައިރު ހުޅުމީދޫގައެވެ. ފުލުހުން ބުނީ ސައިކަލެއް ކޮންޓްރޯލްނުވެ، ހިނގި އެކްސިޑެންޓެއްގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މިޒުވާނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ. ހާލު ސިރިއަސްވުމާއެކު މިހާރު އެޒުވާނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. މި ޒުވާނާގެ ހާލަތާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލް ވިދާޅުވީ އޭނާގެ ހާލު ސިިރިއަސް ކަމަށާއި، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އައްޑޫސިޓީގައި ސައިކަލެއް ކޮންޓްރޯލް ނުވެ، ޒުވާނަކަށް ސިރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އާދިއްތަ ދުވަހު މާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ.

އާދިއްތަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި

ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 7:50 ހާއިރު އަމީނީ މަގުގެ ގާކޮށި ކުރިމަތިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓްވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އެ ސަރަހައްދުގައި ޕާކު ކޮށްފައިހުރި 6 ސައިކަލު އަދި ކާރަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އޮރެންޖު ކުލައިގެ ކާރެއް ކޮންޓްރޯލް ނުވެ، ގާކޮށި ފްލެޓުތަކާއި ދިމާލުން ޕޭމަންޓު މައްޗަށް ވަނީ އަރާފައެވެ. އެކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ކާރު ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ބައެއް ކަވަރުތައް ވެސް ވަނީ ނައްޓާފައިވެއެވެ. އަދި ކާރުގެ ފަހަތުން ޕާކު ކޮށްފައި ހުރި ސައިކަލުތައް ވެއްޓިފައި ހުރި މަންޒަރު ވީޑިއޯއިން ފެނެއެވެ.

މާލެސިޓީގެ އިތުރުން އާބާދީ ބޮޑެތި ރަށްތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ ހިނގަމުންނެވެ. ބައެއް އެކްސިޑެންޓުގައި މީހުންގެ ފުރާނަ ގެއްލި، ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ.

- ކޮމެންޓް