މޯލްޑިވްސް ޕޯސްޓުގެ ކޮރަޕްޝަންގެ 6 މައްސަލަ ބަލާކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.
އެ ކުންފުނިން އެކަން ދޮގު ކުރީ އެ ކުންފުނިން މީސްމީޑއާގައި އާއްމުކުރި ބަޔާނެއްގައެވެ.
އަޑު ފެތުރިފައިވާ ގޮތުގައި އެ ކުންފުންޏާއި ގުޅުން ހުރި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ދަނީ ބަލަމުންނެވެ. އަދި އެ މައްސަލަތައް ފަޅާ އަރުވާލި މުވައްޒަފު ވަޒީފާއިން ވަކިކުރިކަމަށް ވެސް ވަނީ ތުހުމަތުކުރެވިފައެވެ.
އެ ތުހުމަތުތަކާއި ގުޅިގެން މޯލްޑިވްސް ޕޯސްޓުން ނެރުނު 6 ސޮފްހާގެ ދިގު އެ ބަޔާނުގައި ބުނެފައި ވަނީ، ވިސްލް ބްލޯކުރި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ޕޯސްޓުގެ ބަޔާނަށް ބަލާލުމުން އެ ކުންފުނިން މުވައްޒަފަކު ވަކި ކުރި ކަމާއި، އެ ވަކި ކުރި މުވައްޒަފަކީ ވިސްލްބްލޯކުރިކަމަށް ބުނާ މުވައްޒަފުކަން ހާމަވެއެވެ.
ޕޯސްޓްގެ ބަޔާނުގައި ވަނީ އެ މުވައްޒަފުގެ މަސައްކަތުގެ އަހުލާގީ ފެންވަރު ދަށްކަމަށް ފާހަގަކޮށް އެ މުވައްޒަފަކީ ފެންވަރު ދަށް މުވައްޒަފެއް ކަަމަށް ބުނެފައެވެ. އަދި އޭނާގެ ފަރާތުން ކުންފުނީގެ އިސް ބައެއެް މީހުންނަށް ބިރު ދެއްކުމުގެ އަމަލުތަކާއި ކުރިމަތިވި ކަމަށް ވެސް ޕޯސްޓުން ވަނީ ތުހުމަތުކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކުންފުނީގެ ވަޒީފާ އަށް މުވައްޒަފުން ނެގުމުގައި ވެރިންގެ މަސްލަހަތު ހިމެނޭ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ނެގުމުގައި ހަގީގަތެއް ނެތް ކަމަށެވެ. ކުންފުނަށް މުވައްޒަފުން ނެގުމުގައި ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށް ޕޯސްޓް އޮފީހުން ބުނީ މިހާރު އެ ކުންފުނިން އެކުލަވާލާފައިވާ އެޗްއާރު އުސޫލުތަކާއި އެކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒަފުން ނެގުމުގެ ފުރުސަތު ނެތް ކަމަށެވެ. މީގެ އިތުރުން ވަކި ބަޔަކަށް ވިޔަފާރިކޮށްދިނުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޤާއިމްކޮށްފައިވާ ޕޯސްޓް ޝޮޕްގައި މުދާ ބަހައްޓާކަމަށް ބުނާ ވާހަކަ އަށް ވެސް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.
އެ ކުންފުނިން ވަނީ އެ ކުންފުނީގެ ވެރިންގެ މަސްލަހަތު އެކުލެވޭ ގޮތަށް ހާޒިރީ އަށް ބަދަލު ގެންނަކަމަށް ބުނާ ވާހަކަ އާއި، މެނޭޖިން ޑިރެކްޓަރަށާއި ބޯޑު މެމްބަރުންނަށް އެކަށީގެން ނުވާ މިންވަރަށް، އުސޫލުން ބޭރުން މުސާރަ އާއި އިނާޔަތްތައް ދޭކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ވެސް އިންކާރުކޮށްފައެވެ. އަދި އުސޫލާއި ޚިލާފަށް ޕްރޮމޯޝަން ދޭ ކަމަށް ބުނާ ވާހަކަ އަށް ވެސް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.
އެ ކުންފުނީގެ އަގު ވައްޓާލުމަށް ހަގީގަތާއި ޚިލާފު ޚަބަރު ފަތުރަމުންދާ ކަމަށެވެ. އޯލެވެލް ސެޓްފިކެޓް ވެސް ނެތް 5 މީހުންގެ ގްރޫޕަކުން ޕޯސްޓް ހިންގަމުންދާ ކަމަށް ބުނެ ކުންފުނީގެ އިތުބާރު ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ކުންފުނީގެ ވެރިންގެ ތައުލީމީ ފެންވަރާއި މެދު ސުވާލު އުފައްދާ 5 މީހަކާއި މެދު ތުހުމަތުތަކެއް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވީ ނަމަވެސް އެއީ ކޮން ބައެއްކަން ޕޯސްޓުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ތައުލީމީ ފެންވަރު ދަށް ކަމަށް ބުނެ ފާޑު ކިޔުން އަމާޒުވާ 5 މީހުންނަކީ ވެސް އެކި ދާއިރާތަކުން ބެޗްލަރސް ޑިގްރީ އަދި މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ މީހުން ކަމަށް ޕޯސްޓުން ވަނީ ބުނެފައެވެ. ހަމައެހެންމެ އެ ފަރާތްތަކަކީ ކުންފުނީގެ ކުރިއެރުމާއި ތަރައްޤީ އަށް އެކި މެނޭޖްމެންޓްތަކުގައި އިޚުލާސްތެރިކަމާއި އެކު މަސައްކަތް ކުރަމުން އައި މީހުން ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ މީހުންގެ ތަޖުރިބާގެ އަލީގައި ކުންފުންޏަށް ތަރައްޤީ އާއި ކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުން ބިނާކުރުމާއި ބާރުވެރިކުރުމަށް އެ ބޭފުޅުން ސަމާލުކަން ދެއްވާކަމަށާއި އެކަމުގެ ސަބަބުން ކުންފުނީގައި މެދުފަންތީގެ މެނޭޖްމެންޓް ފަށަލައަކާއި ސީނިއާ މެނޭޖްމެންތް ފަށާލައެއް އުފެދިފައިވާ ކަަމަށް ޕޯސްޓުން ބުނެއެވެ. އެއީ ކުންފުނީގެ ވެރިންގެ ޤާބިލްކަން ކަމަށް ޕޯސްޓުން ސިފަކޮށްފައިވެއެވެ.