އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ފަރަގު ކުޑަ ކުޑަ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި އެވެ.
އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ވެސްޓް ހޭމާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވެފައި ވަނީ 1-0 އިންނެވެ. މެޗުގައި ވެސްޓް ހޭމް އިން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ.
މެޗު ފަށައިގެން އާސެނަލް އިން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުގައި އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ފޮނުވާލި ހަމަލާ، ވެސްޓް ހޭމްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ވެސްޓް ހޭމް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ އާރޮން ވެން ބިސާކާ ހުރަސްކޮށްދިން ފުރުސަަތެއްގައި، ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެން ޖަރޯޑް ބޮވެން ޖެހި ލަނޑެކެވެ.
މެޗުގައި އާސެނަލަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، ދެ ވަނަ ހާފުގައި އެ ޓީމުގެ މައިލްސް ލެވިސް ސްކެލީ އަށް ސީދާ ރަތް ކާޑު ދައްކައި ފޮނުވާލުމުންނެވެ. އެއީ ވެސްޓް ހޭމްގެ ކުޅުންތެރިޔަކަށް އޭނާ ކުރި ފައުލަކާ ގުޅިގެެން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ދެއްކި ކާޑެކެވެ.
މެޗުގައި އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އެ ޓީމަށް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ވެސްޓް ހޭމްގެ އޭރިޔާ ތެރެއިން އާސެނަލްގެ ބެން ވައިޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުން ބަލިވެ އާސެނަލް ދެ ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 26 މެޗުން 53 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ލިވަޕޫލަށް ލިބެނީ 61 ޕޮއިންޓެެވެ.