މާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި ސިލްސިލާކޮށް ހިންގާ މާރާމާރީގައި މުދަލަށް ގެއްލުންދީ ތޫނު ހަތިޔާރު ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ދެ ދުވަހުގެ ތެރޭގައި ވެސް ވަނީ ގްރޫޕް މާރާމާރީތަކާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށް ބަންދުކޮށްފައެވެ. އެގޮތުން ހުކުރު ދުވަހު ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި އަދި މާރާމާރީ ހިންގަން އުޅުނު މައްސަލައިގައި 28 އަހަރުގެ ޒުވާނެއްގެ ބަންދު މުއްދަތު ޖެހި މަޖިލިހުގައި ފުލުހުން ބުނެފައިވަނީ މި މާރާމާތީތަކަކީ ދެ ގްރޫޕެއްގެ ދެމެދުގައި ސިލްސިލާކޮށް ބަދަލުހިފުމުގެ ރޫހުގައި ހިންގަމުން އަންނަ މާރާމާތީތަކެއްކަމަށް މިހާތަނަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވަނި ބުނެފައެވެ.
މީގެ އިތުރުން މި މާރާމާތީތަކުގެ ސަބަބުން އެކި މީހުންނަށް އެކި ވަރުގެ އަނިޔާއާއި މުދަލަށް ވެސް ގެއްލުން ވެފައިވާ ކަމަށާއި، މިކަން އިތުރަށް ފުޅާވެ، މިހާރު ތޫނު ހަތިޔާރު ވެސް ބޭނުންކުރަމުންދާކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފާހަގަކޮށްފައެވެ.
ހުކުރު ދުވަހު 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް، ޔާސްމީންވިލާ އަހުމަދު އިމާން މުހައްމަދަކީ މާރާމާރީތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފާހަގަކޮށްފައެވެ. އޭނާގެ ބަންދު ކުރަން އަމުރުކޮށްފައިވަނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހު 3 މީހެއް މިފަދަ މައްސަލަތަކުގައި ބަންދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގއ. ވިލިނގިލި، ސޯސަންވިލާ ވިކާޝް އަހުމަދު (26އ) އާއި ކ. މާފުށި، ތޯތާގެ ސަމީހު މުހައްމަދު (27އ) އާއި ކ. މާލެ. ހމ ފުލެޓް ނަންބަރު 2383 މުލްހަމް މުހައްމަދު ރިޔާޟް (18) އެވެ.
މީގެ ތެރެއިން ވިކާޝް އަދި މުލްހަމް ބަންދުކުރަން އަމުރުކޮށްފައިވަނީ 7 ދުވަހަށެވެ. އަދި ސަމީހު މުހައްމަދު ބަންދުކުރަން އަމުރުކޮށްފައިވަނި 15 ދުވަހަށެވެ. މި ތިން މީހުންވެސް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
މި ތިން މީހުންވެސް ހިމެނެނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާތީ ހިންގަން ރޭވުމާއި އަދި މާރާމާރީ ހިންގަން އުޅުނު މައްސަލައިގައެވެ. މި ތިން މީހުންނަކީ ވެސް ސިލްސިލާކޮށް މާރާމާރީ ހިންގާ، މާރާމާރީ ހިންގާ ގްރޫޕުތަކަށް ނިސްބަތްވާކަމަށް ބެލެވޭ ހެކި ފުލުހުން ވަނީ ހުށަހަޅާފައެެވެ.