ޣައްޒާ އާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން ވައިޓް ހައުސްގައި ބޭއްވޭ ސެއިންޓް ޕެޓްރިކްސް ޑޭގެ ހަފްލާ އަށް ހާޒިރުނުވާނެ ކަމަށް ސިން ފެއިން ލީޑަރުން ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެން އެންމެންނަކީވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ފެނި ހިތާމައިގައި ތިބި ބައެއް. އަދި ފަލަސްތީނުގެ ރައްޔިތުން ޣައްޒާ އިން ގަދަކަމުން ނެރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ފަހުން ދެއްކެވި ވާހަކަފުޅަކީ އަޅުގަނޑަށް އެއަށް އަޅާނުލާ ހުރެވޭ ކަމެއް ނޫން،" ނޯދަން އަޔަލެންޑްގެ ފަސްޓް މިނިސްޓަރ މިޝެލް އޯނީލް ހުކުރު ދުވަހު ޑަބްލިން ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
"ވައިޓް ހައުސް އަށް ދަތުރު ނުކުރުމަށް ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން. ނަމަވެސް މި ނިންމުން ނިންމާފައި ވަނީ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ޒިންމާ އެއް ކަމަށް ދެކިގެންން." އޭނާ އިތުރަށް ވިދާޅުވިއެވެ.
ސިން ފެއިން ޕާޓީގެ ލީޑަރ މޭރީ ލޫ މެކްޑޮނަލްޑް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ "ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ނެރުމުގެ ބިރުވެރިކަން އޮއްވާ" އޭނާ އަށް ވޮޝިންގްޓަނަށް ޒިޔާރަތް ނުކުރެވޭނެ ކަމަށެވެ.
ނޯދަން އަޔަލެންޑާއި ރިޕަބްލިކް އޮފް އަޔަލެންޑްގެ ސިޔާސީ ލީޑަރުން ކޮންމެ އަހަރެއްގެ މާރޗު 17 ގައި އަޔަލެންޑްގެ ގައުމީ ދުވަސް ފާހަގަކުރުމަށް އެމެރިކާއަށް އާންމުކޮށް ޒިޔާރަތް ކުރެއެވެ.
ޣައްޒާ ސްޓްރިޕް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެތަނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ދާއިމީކޮށް އެހެން ތަނަކަށް ބަދަލު ކުރުމަށް ޓްރަމްޕް ހުށަހެޅުއްވުމާ ގުޅިގެން މި މަހުގެ ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.
ސިން ފެއިންގެ ފަރާތުން ވައިޓް ހައުސް އަށް ޒިޔާރަތް ނުކުރުމަށް ނިންމުމާއެކު، ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލުކުރުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ފަސްޓް މިނިސްޓަރ މައިކަލް މާޓިންގެ ދަތުރުފުޅު ކެންސަލް ކުރުމަށް އޭނާގެ މައްޗަށް ޕްރެޝަރު އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.
އަޔަލެންޑަކީ ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުން ޢަމަލުކުރާ ގޮތާމެދު ހަރުއަޑުން އިސްރާއީލަށް ފާޑުކިޔާ އަދި ޔޫރަޕިއަން ޔޫނިއަންގެ ތެރޭގައި ފަލަސްތީނުގެ މައްސަލައިގައި އެންމެ ހަރުކަށިކޮށް ވަކާލާތުކުރާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.
ހުކުރު ދުވަހު ޓްރަމްޕްގެ ހަރުކަށި ރާގު ބަދަލު ކުރައްވާ ވިދާޅުވީ ޣައްޒާ އާ ބެހޭ އޭނާގެ ޕްލޭން އަކީ ހަމައެކަނި "ހުށަހަޅުމެއް" ކަމަށެވެ. އެއީ އޭނާ ގަދަ ކަމުން ތަންފީޒު ކުރައްވާނެ ޕްލޭނެއް ނޫން ކަމަށެވެ.