އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ސްޓްރިޕް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެތަނުގެ ފަލަސްތީނު ރައްޔިތުން ބާލައި އެހެން ތަންތަނަށް ބަދަލުކުރުމުގެ ރޭވުމާ ދެކޮޅަށް ޣައްޒާ އަލުން އާރާސްތުކުރުމުގެ ޕްލޭނެއްގެ މަޝްވަރާ ތަކަށް އަރަބި ލީޑަރުން ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންފިއެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނާ ގޮތުގައި މިސްރާއި އުރުދުން އަދި ޕާރޝިއަން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ 6 މެމްބަރު ޤައުމުން މި "ނުރަސްމީ އުޚުއްވަތްތެރިކަމުގެ ބައްދަލުވުމުގައި" ބައިވެރިވެއެވެ.
ސައޫދީ ސަރުކާރާ ގާތް މަސްދަރަކާ ހަވާލާދީ ހުކުރު ދުވަހު ރިޕޯޓުތައް ބުނެފައިވަނީ އަރަބި ލީޑަރުން "ޓްރަމްޕްގެ ޣައްޒާގެ ޕްލޭނާ ދެކޮޅަށް އެކުލަވާލި އާރާސްތުކުރުމުގެ ޕްލޭން" އާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.
އެ މަސްދަރުން ބުނެފައިވަނީ ބައްދަލުވުމުގައި "މިސްރުގެ ޕްލޭން" އާ ބެހޭ މަޝްވަރާ ކުރާނެ ކަމަށެވެ.
ސައޫދީ މީޑިއާތަކުން ބުނާ ގޮތުގައި މި ބައްދަލުވުމުން ނިންމާ ނިންމުންތައް މާރޗް 4 ގައި ގާހިރާ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ލީގުގެ އާދަޔާ ޚިލާފު ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭނެއެވެ.
ޓްރަމްޕް ހުށަހަޅުއްވާފައިވަނީ ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުން ފަދަ ޤައުމުތަކަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
ފެބްރުއަރީ 4 ގައި ޓްރަމްޕް ހުށަހަޅާފައިވަނީ އެމެރިކާ ގެ ބާރުގެ ދަށަށް ޣައްޒާ ގެނެސް، އެތަނުގެ ފަލަސްތީނުން އެހެން ތަންތަނަށް ބަދަލުކުރުމަށްފަހު، އެތަން ހުޅަނގު އޭޝިއާގެ "ރިވިއެރާ" އަކަށް ހެދިދާނެ ކަމަށެވެ.
ކައިރޯއިން އަދި އެ ޤައުމުގެ ޕްލޭން އިޢުލާނު ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިސްރުގެ ކުރީގެ ޑިޕްލޮމެޓް މުޙައްމަދު ހިޖާޒީ ވަނީ އެ ޕްލޭން ތަންފީޒު ކުރަން 3 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ބޭނުންވާނެ ކަމަށް ވިދާޅުވެ އެ ޕްލޭނެއް ކުރިއަށް ގެންދާނެ ގޮތް ކުރުކޮށް ބަޔާން ކޮށްދެއްވާފައެވެ.
އަރަބި ޑިޕްލޮމެޓެއް ބުނެފައިވަނީ މިސްރުގެ ޕްލޭނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ފައިނޭންސް ކުރާނެ ގޮތް ހޯދުން ކަމަށެވެ.
އިސްރާއީލުން 15 މަސް ދުވަހުގެ މުއްދަތައް ޣައްޒާ ގައި ހިންގި އަނިޔާވެރި ހަނގުރާމައިގައި އިޒްރޭލުން ވަނީ މަދުވެގެން 48,319 ފަލަސްތީނު މީހުން ޝަހީދު ކޮށްލައި މުޅި ޣައްޒާ ސުންނާފަތި ކޮށްލާފައެވެ.
އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން ޣައްޒާ ވީރާނާ ވެފައިވާއިރު، އދ. ގެ ފަހުގެ އަންދާޒާ އެއްގައިވާ ގޮތުގައި އެތަން އަލުން ބިނާކުރުމަށް 53 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާނެއެވެ.