ކ. މާލެ
|
21 ފެބްރުއަރީ 2025 | ހުކުރު 15:04
ދެކުނު ކޮރެއާގެ ރައީސް ޔޫން ސޫކް ޔެއޯލް، 2025 ފެބްރުއަރީ 13 ވަނަ ދުވަހު ސޯލްގެ ކޮންސްޓިޓިއުޝަނަލް ކޯޓުގައި ބޭއްވި އިމްޕީޗްމަންޓް ޓްރައިއަލްގެ އަޑުއެހުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސޫކް ޔެއޯލް، 2025 ފެބްރުއަރީ 13 ވަނަ ދުވަހު ސޯލްގެ ކޮންސްޓިޓިއުޝަނަލް ކޯޓުގައި ބޭއްވި އިމްޕީޗްމަންޓް ޓްރައިއަލްގެ އަޑުއެހުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.
ގެޓީއިމޭޖަސް
ދެކުނު ކޮރެއާ
ދެކުނު ކޮރެއާގެ ރައީސް ޔޫން ގެ މައްޗަށް ކުރެވޭ ގައުމަށް ޣައްދާރުވުމުގެ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ބާވައިފި
ޔޫން ވަނީ މާޝަލް ލޯ އިއުލާނު ކުރުމުގެ ގަރާރުގެ ޒަރީއާ އިން، ސިޔާސީ އަދި ޕާލިމެންޓްރީ ޙަރަކާތްތައް މަނާކޮށް، މީޑިއާ ކޮންޓްރޯލްކުރަން މަސައްކަތް ކުރައްވާފައެވެ.

އިތުބާރު ނެތް ކަމަށް ފާސް ކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ގެ މައްޗަށް ކުރެވޭ ގައުމަށް ޣައްދާރުވުމުގެ ޝަރީއަތުގެ ފުރަތަމަ އަޑު އެހުމަށް ދެކުނު ކޮރެއާގެ ކޯޓަކަށް ބުރާސްފަތި ދުވަހު އޭނާ ހާޒިރުވެވަޑައިގެންފިއެވެ.

މިއީ މަގާމު ގައި ހުންނަވަނިކޮށް އެ ޤައުމުގެ ރައީސެއްގެ މައްޗަށް ކުރެވޭ ފުރަތަމަ ޖިނާއީ ދަޢުވާ އެވެ.

ވޭތުވެދިޔަ މަހު ޕްރޮސެކިއުޓަރުން ޔޫންގެ މައްޗަށް ދަޢުވާ އުފުލީ، ޑިސެމްބަރު 3 ވަނަ ދުވަހު މާޝަލް ލޯ ތަންފީޒުކުރުމުގައި ގައުމަށް ޣައްދާރުވެފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ.

ސޯލް ޑިޓެންޝަން ސެންޓަރުން ޔޫން ކޯޓަށް ހާޒިރު ކުރީ ޖަސްޓިސް މިނިސްޓްރީގެ މޮޓަރކޭޑެއް ގައެވެ.

އޭނާ ކޯޓަށް ހާޒިރު ކުރި އިރު ކޯޓުގެ ބޭރުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ނެރެފައި ތިއްބެވެ.

މައްސަލައިގެ ސީރިއަސް ކަމަށް ރިޢާޔަތްކޮށް އަވަސް އިޖުރާއާތުތަކަކަށް ޕްރޮސެކިއުޓަރުން ކޯޓުގައި އެދުނެވެ. ނަމަވެސް ޔޫންގެ ވަކީލުން ބުނީ ރެކޯޑުތައް މުރާޖަޢާ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

ޔޫންގެ ވަކީލަކު ކޯޓުގައި ބުނެފައިވަނީ "ޤައުމު ވާގި ނައްތާލުމުގެ އެއްވެސް ނިޔަތެއް" ޔޫންގެ ނެތް ކަމަށެވެ. އަދި އޭނާ މާޝަލް ލޯ އިޢުލާނުކުރުމުގެ މަޤްޞަދަކީ ގާނޫނު ހަދާ މަޖިލިސް އިދިކޮޅު ޕާޓީން ހިސޯރުކޮށްފައި އޮތް އޮތުން އާންމުންނަށް އަންގައިދިނުން ކަމަށް ވަކީލުން ބުނެފައިވެއެވެ.

ކުށްވެރިވެއްޖެނަމަ، ޔޫން އަށް އެތައް އަހަރެއްގެ ޖަލު ޙުކުމެއް ކުރިމަތިވާނެއެވެ.

ޔޫން ވަނީ މާޝަލް ލޯ އިއުލާނު ކުރުމުގެ ގަރާރުގެ ޒަރީއާ އިން، ސިޔާސީ އަދި ޕާލިމެންޓްރީ ޙަރަކާތްތައް މަނާކޮށް، މީޑިއާ ކޮންޓްރޯލްކުރަން މަސައްކަތް ކުރައްވާފައެވެ.

ޔޫންގެ މި ފިޔަވަޅުން އޭޝިއާގެ ހަތަރުވަނަ އަށް އެންމެ ބޮޑު އިޤްތިޞާދު އަދި އެމެރިކާގެ މުހިންމު އެއް ބައިވެރިޔާ – ދެކުނު ކޮރެއާ ސިޔާސީ ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވަނީ ވެއްޓިފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ބޮޑުވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކޮށް ބާރުތަކުން ސަސްޕެންޑްކުރެވުނެވެ. އަދި ސިފައިންގެ އިސް އޮފިސަރުންގެ މައްޗަށް މި މައްސަލައިގައި ބައިވެރިވި ކަމުގެ ދަޢުވާ އުފުލުނެވެ.

ޔޫންގެ ވަކީލުން ވަނީ އޭނާގެ ބަންދު ބާޠިލުކުރުމަށް އެދި ކޯޓަށް ހުށަހަޅާފައެވެ. އެމީހުން ބުނީ މައްސަލަ ތަޙްޤީޤު ކޮށްފައިވަނީ ޣައިރު ޤާނޫނީ ގޮތަކަށް ކަމަށާއި، ހެކި ނައްތާލަން ޔޫން މަސައްކަތް ކުރެއްވުމުގެ ނުރައްކަލެއް ނެތް ކަމަށެވެ.

ބަންދާ ގުޅޭގޮތުން ކޯޓުން ގޮތެއް ނިންމާނެ ވަގުތެއް ސާފު ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޔޫން ގެ މައްޗަށް ކުރިއަށް ދާ ޖިނާއީ މައްސަލައިގެ ދެން އޮންނަ އަޑުއެހުން މާރިޗު 24 ގައި އޮންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޖިނާއީ ޝަރީއަތަށް ހާޒިރުވުމަށް ފަހު، ޔޫން ބުރާސްފަތި ދުވަހުގެ މެންދުރުފަހު ކޮންސްޓިޓިއުޝަނަލް ކޯޓުގައި ހިނގަމުންދާ އިމްޕީޗްމަންޓް ޝަރީޢަތުގެ އެންމެ ފަހުގެ މަރުޙަލާގެ އަޑު އެހުމަށް ވެސް ހާޒިރުވެވަޑައިގެންނެވިއެވެ.

ކޮންސްޓިޓިއުޝަނަލް ކޯޓުން މުރާޖަޢާ ކުރަމުން ދަނީ ޑިސެމްބަރު 14 ގައި ޕާލިމެންޓުން ޔޫން އިމްޕީޗްކުރި މައްސަލައެވެ. އަދި އޭނާ މަޤާމުން ދާއިމީކޮށް ވަކިކުރާނެތޯ ނުވަތަ އަނބުރާ މަޤާމަށް އިޢާދަކުރާނެތޯ ނިންމާނީ މި ކޯޓުންނެވެ.

ޔޫން މަޤާމުން ވަކިކޮށްފިނަމަ، 60 ދުވަހުގެ ތެރޭގައި އައު ރިޔާސީ އިންތިޚާބެއް ބާއްވަންޖެހޭނެއެވެ.

- ކޮމެންޓް