ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމުގެ މުސްތަޤިއްލުކަން ކަށަވަރުކު ކުރުމުގެ ނިޔަތެއް ސަރުކާރުގައި ނެތްކަން އެނގި ކަށަވަރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.
ކުރީގެ އުއްތަމަފަނޑިޔާރު ޑރ. ޢަބްދުﷲ ދީދީ ވިދާޅުވީ، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޤާނޫނަށް ގެނެވުނު ޣައިރު ދުސްތޫރީ އިސްލާހު ތަކާއި އެކު، ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަކީ ސިޔާސީ ގޮތުން އެކުލަވާލެވޭ ތަނެއްގެ ގޮތުގައި ބަދަލުކޮށްފައި ވަނީ ކަނޑައެޅިގެން ކޯޓުތަކަށް ނޭދެވޭ ނުފޫޒު ފޯރުވުމަށް ކަމަށެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ބުރާސްފަތި ދުވަހުގެ ރޭ މިހެން ވިދާޅުވި އިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ހަމަޖައްސައިފައިވަނީ ބުދަ ދުވަހުގައެވެ.
ޖޭއެސްސީ ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ހަމަޖެއްސިއިރު، މިއީ އަސާސީ މުސާރައިގެ ގޮތުގައި 30،500 ރުފިޔާ، އަދި އެހެނިހެން އިނާޔާތްތަކާއެކު ޖުމްލަ މުސާރައިގެ ގޮތުގައި 47،500 ރުފިޔާ ލިބޭ ފަސް އަހަރު ދުވަހުގެ މުއްދަތުގެ މަޤާމެކެވެ.
އަދި ކުރީގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ކުއްލިގޮތަކަށް އިސްތިއުފާ ދެއްވުމާއި ގުޅިގެން އައު ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ އަކު އައްޔަނު ކުރުމަށް ޓަކައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން އިން ކުރިއަށް ގެންދިޔަ ޕްރޯސެސް ކުރީގެ އުއްތަމަ ފަނޑިޔާރު ސިފަކުރައްވާފައިވަނީ "ކުޅޭކުޅޭ" ކަމެއްގެ ގޮތުގައެވެ.
ޖުޑިޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު ޢައިރު ދުސްތޫރީ އިޞްލާޙުތަކާއެކު، ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަކީ ސިޔާސީ ގޮތުން އެކުލަވާލެވޭ ތަނެއްގޮތުގައި ބަދަލުކޮށްފައިވަނީ ކަނޑައެޅިގެން ކޯޓުތަކަށް ނޭދެވޭ ނުފޫޒު ފޯރުވުމަށެވެ. ކުރީގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ކުއްލިއަކަށް…
— Dr. Ahmed Abdulla Didi (@AABDULLADIDI) February 20, 2025
އަބްދުﷲ ދީދީ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައިވާއިރު، އޭނާ ވަނީ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިވުމުން ނުވަތަ ވަކި ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލަށް ވެސް ކުރިން ފާޑުވިދާޅުވެފައެވެ.
އެގޮތުން ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ދީދީ ވިދާޅުވެފައިވަނީ ޕާޓީން ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އެ އިސްލާހުގައި "އެންޓި ޑިފެކްޝަން" އާ ގުޅޭގޮތުން ހިމަނައިފައިވާ އިބާރާތަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ކަށަވަރު ކޮށްދީފައިވާ "ރައްޔިތުންގެ ބާރު ނުވަތަ ރައްޔިތުންގެ ސިޔާދަތު ގެއްލޭގޮތަށް ފަރުމާކޮށްފައިވާ ބަދަލެއް ކަމަށެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާޙުކުރުމަށް ޤާނޫނުއަސާސީ އަށް އިސްލާޙުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޤަސްތުކުރައްވާކަން ހާމަ ކުރައްވާފައެވެ. އެހެން ނަމަވެސް އެ ބަދަލުތަކުގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.